Last Updated: October 22, 09:12
Tuesday, October 22, 2024
ޚަބަރު

ދުންފަތް ވިއްކޭނެ އެންމެ ހަގު އުމުރަކީ 21 އަހަރު

ދުންފަތުން އުފައްދާފައިވާ ތަކެތީގެ ވިޔަފާރީގެ މުއާމަލާތްކުރެވޭނެ އެންމެ ހަގު އުމުރަކީ 21 އަހަރު ކަމަށް ކަނޑައެޅުމަށް ސަރުކާރުން ނިންމައިފި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު "އެކްސް"ގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތައް ރާއްޖެއަށް އެތެރެކޮށް، ބޭނުންކުރުން މަނާކުރުމުގެ އިތުރުން، ޒުވާނުން ދުންފަތުގެ ގޯސް އާދައިން ދުރުކުރުމަށްޓަކާ ދުންފަތާއި، ދުންފަތުން އުފައްދާފައިވާ ތަކެތީގެ ވިޔަފާރީގެ މުއާމަލާތްކުރެވޭނެ އެންމެ ހަގު އުމުރަކީ 18 އަހަރުގެ ބަދަލުގައި 21 އަހަރުކަމަށް ކަނޑައެޅުމަށް ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް މާދަމާ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ނިންމާފައިވާ ކަމަށެވެ.

އަދި ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނާ ހިލާފުވާ ފަރާތްތަކާ ދެކޮޅަށް އަޅާ ފިޔަވަޅުތައް ހަރުކަށިކުރުމަށް ވެސް ގާނޫނަށް އިސްލާހު ގެނެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ގާނޫނަށް މި ބަދަލު ގެންނަން ނިންމާފައިވާއިރު، ރާއްޖޭގައި ވޭޕާއި އިލެކްޓްރިކް ސިނގިރޭޓް މަނާކުރާ ތާރީހާ ޖެހެންދެން އެ ތަކެތިން ނަގާ އިމްޕޯޓު ޑިއުޓީ ބޮޑުކުރަން ސަރުކާރުން މިހާރު ވަނީ މަޖިލީހަށް ބިލެއް ހުށަހަޅާފަ އެވެ.

ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި އެ ތަކެތީގެ ވަކިވަކި ބައިތައް ރާއްޖެއަށް އެތެރުކުރުން އަންނަ މަހުގެ 15 އިން ފެށިގެން މަނާވާނެ އެވެ. އަދި ރާއްޖޭގައި ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި ބޭނުންކުރުމާއި ގެންގުޅުމާއި އުފެއްދުމާއި ވިއްކުމާއި ރާއްޖޭގައި އިޝްތިހާރު ކުރުމާއި ހިލޭބެހުން އަންނަ ޑިސެމްބަރު މަހުގެ 15 އިން ފެށިގެން މަނާކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމަށް ކަމާބެހޭ ފަރާތްތަކަށް ރައީސް ވަނީ އަންގަވާފަ އެވެ.