އިޒްރޭލު ފަތުރުވެރިންނަށް ރާއްޖެ ނާދެވޭ ގޮތަށް އެ ގައުމުގެ ޕާސްޕޯޓު މަނާކުރުމުގެ މައްސަލާގައި ސަރުކާރުން ރައްޔިތުންނަށް ދައްކަނީ ދަޅައެއް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
އިޒްރޭލު ފަތުރުވެރިންނަށް ރާއްޖެ ނާދެވޭ ގޮތަށް އެ ގައުމުގެ ޕާސްޕޯޓު މަނާކުރަން އިމިގްރޭޝަންގެ ގާނޫނަށް އިސްލާހު ގެނައުމަށް ބިލެއް ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރު މީކާއިލް ނަސީމް ވަނީ ހުށަހަޅާފަ އެވެ. ނަމަވެސް އެ ބިލު ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ (241) ކޮމިޓީގައި އޮންނަތާ މިހާރު ވަނީ 100 އަށް ވުރެ ގިނަ ދުވަސް ވެފަ އެވެ.
ޕީއެންއެފް އިން ރޭ ބޭއްވި ފްރޮންޓް އޮފީހުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޔާމީން ވިދާޅުވީ އިޒްރޭލު ޕާސްޕޯޓު މައްސަލާގައި ސަރުކާރުން ރައްޔިތުންނަށް ދެއްކީ ދަޅައެއް ކަމަށާއި އެ މައްސަލާގައި މިހާރު ވާހަކަ ވެސް ބަދަލުކުރަމުންދާ ކަމަށެވެ. އިޒްރޭލު ޕާސްޕޯޓު މަނާކުރަން ރައްޔިތުންގެ މަޖިލީހުން ރައީސަށް ފުރަތަމަ ލަފާ އެރުވި ކަމަށާއި ފަހުން ކެބިނެޓުން މިކަމުގައި ނިންމުމެއް ނިންމުމަށްފަހު، އެ މައްސަލަ މަޖިލީހަށް މިހާރު ފޮނުވާފައިވާ ކަމަށް ޔާމީން ވިދާޅުވި އެވެ.
"މިއީ އެއްކަލަ ދެ ގޮނޑި ދޭތެރޭގައި ދުވުން ކަހަލަ ކަމެއް ނޫންތޯ މިއީ. މުރައިދޫގެއާއި މުލިއާގެއާ ދޭތެރޭ ހަމަ ބޯޅަ ޖަހަޖަހާ މި ތިބެނީ. މިއަކުން ބޯޅަ ވަންނަނީ ކޮން ގޯލަކަށް ކަމެއް ނޭނގޭ،" ޔާމީން ވިދާޅުވި އެވެ.
އިޒްރޭލު ޕާސްޕޯޓު މައްސަލަ އަވަސްކުރަން ޕީއެންސީން ގޮވާލި ނަމަވެސް އެ މައްސަލާގައި އެމްޑީޕީން އިއްޔެ މަޖިލީހަށް ވެއްދި ކުއްލި މައްސަލަ ބޭރުކޮށްލުމުން މިކަމުގައި ސަރުކާރުގެ އިހުލާސްތެރި ކަމެއް ނެތްކަން ހާމަވާ ކަމަށްވެސް ޔާމީން ވިދާޅުވި އެވެ.
އިޒްރޭލު ޕާސްޕޯޓު މަނާކުރުން ލަސްވަމުންދާތީ އިދިކޮޅު އެމްޑީޕީ އާއި ގިނަ ރައްޔިތުންގެ ފާޑުކިޔުން ސަރުކާރަށާއި މަޖިލީހަށް ވަނީ އަމާޒުވެފަ އެވެ. އެގޮތުން މިކަން އަވަސްކުރަން ގޮވާލައި މަޖިލިސް ދޮށުގައި އިއްޔެ ވަނީ އިހުތިޖާޖެއް ވެސް ބާއްވާފަ އެވެ.
މިދިޔަ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ފަލަސްތީނުގެ ގާޒާގައި ހިންގަމުންދާ ގަތުލްއާންމުގައި ޝަހީދުވި މީހުންގެ އަދަދު ވަނީ 42،000 އަށް ވުރެ މައްޗަށް އަރާފަ އެވެ.