Last Updated: November 24, 13:27
Sunday, November 24, 2024
ޚަބަރު

ކާނާގެ ޔަޤީންކަން ކަށަވަރު ކުރަން ބޭރުގެ އެހީ ބޭނުންވޭ

ރާއްޖެ ފަދަ ކުދި ޤައުމުތަކުން ކާނާގެ ޔަޤީންކަން ކަށަވަރު ކުރުމަށް ކުރާ މަސައްކަތްތަކުގައި ބައިނަލްޢަޤްވާމީ މުޖުތަމަޢުގެ ފުރިހަމަ އެހީތެރިކަން ބޭނުންވާ ކަމަށް މިނިސްޓަރ އޮފް އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ ޑރ. އައިޝަތު ރަމީލާ ވިދާޅުވެއްޖެ އެވެ.

އިޓަލީގެ ވެރިރަށް ރޯމްގައި ކުރިއަށް ގެންދާ ކޮމިޓީ އޮން ވޯލްޑް ފުޑް ސެކިޔުރިޓީ ބައްދަލުވުމުގައި ހިމެނޭ ފޯރަމްތަކުގެ ތެރެއިން "ކޯޑިނޭޓެޑް ޕޮލިސީ ރިސްޕޯންސަސް ޓު ފުޑް ކްރައިސިސް – ދަ ސްޓޭޓް އޮފް ދަ ފުޑް ސެކިޔުރިޓީ އެންޑް ނިއުޓްރިޝަން އިން ދަ ވޯލްޑް" ފޯރަމްގައި ވާހަކަދައްކަމުން ރަމީލާ ވިދާޅުވީ ކާނާގެ ޔަޤީންކަން ކަށަވަރު ކުރުމަކީ ހުރިހާ ޤައުމަކުންވެސް ޙާޞިލްކުރަން ބޭނުންވާ މުހިންމު ލަނޑު ދަނޑުދަނޑިއެއް ކަމަށާއި، އެންމެ ކާމިޔާބުކަމާއެކު މި ލަނޑުދަނޑި ޙާޞިލްކުރެވޭނީ ވަކިވަކި ޤައުމުތަކުން ކުރާ މަސައްކަތްތަކަކީ ގުޅިގެން ކުރާ މަސައްކަތްތަކެއްގެ ގޮތުގައި ހެދިގެން ކަމަށެވެ.

އެގޮތުން ރާއްޖެފަދަ ކުދި ޤައުމުތަކުން ކާނާގެ ޔަޤީންކަން ކަށަވަރު ކުރުމަށް ކުރާ މަސައްކަތްތަކުގައި ބައިނަލްޢަޤްވާމީ މުޖުތަމަޢުގެ ފުރިހަމަ އެހީތެރިކަން ބޭނުންވާ ކަމަށާއި، މައުލޫމާތު ބަދަލުކުރުމާއި ބޭނުންވާ މާލީ އަދި ފަންނީ އެހީތެރިކަމާއި ވަޞީލަތްތަކާއި ދަނޑުވެރިކަމުގެ އީޖާދީ ގޮތްތައް އެދެވޭ ގޮތެއްގައި ޙިއްޞާކޮށްދެވޭނަމަ ކާނާގެ ޔަޤީންކަން ކަށަވަރު ކުރުމަށް މިހާރު ދިމާވަފައިވާ ގޮންޖެހުންތައް ނައްތާލުމަކީ އުނދަގޫކަމަކަށް ނުވާނެކަމަށް ވިދާޅުވި އެވެ.

ރާއްޖެއަކީ އިމްޕޯޓްކުރާ ކާބޯތަކެއްޗަށް ބަރޯސާވަމުން އަންނަ ޤައުމެއް ކަމަށާއި، މިގޮތުގައި ދެމިތިބުމަކީ ޙައްލެއް ނޫންކަމަށާއި ރާއްޖެއަކީވެސް މުސްތަޤްބަލުގައި ކާނާގެ ޔަޤީންކަން ކަށަވަރުވެފައިވާ ޤައުމަކަށް ހެދުމަށް މަސައްކަތްކުރަން ޖެހޭކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

ރާއްޖޭގެ ކާނާގެ ނިޒާމު މިހާރު ބައްޓަންވެފައިވާ ގޮތް ބަދަލު ކުރަންޖެހޭ ވަގުތު ޖެހިއްޖެ ކަމަށާއި، ރާއްޖޭގެ ދަނޑުވެރި އުފެއްދުންތެރިކަން ހަމައެކަނި ޒަމާނީ މަސައްކަތްތަކަކަށް ބަދަލުވާންވީ ނޫންކަމަށާއި، އުފެއްދުންތެރިކަން އިތުރުކުރުމަށް ކުރާ މަސައްކަތްތަކަކީ ތިމާވެއްޓާއި ރައްޓެހި ގޮތަކަށް ކުރެވޭ މަސައްކަތްތަކަކަށް ވާންޖެހޭނެ ކަމަށްވެސް ވިދާޅުވި އެވެ.

މީގެއިތުރުން "ރައިޓް ޓު ފުޑް" ގައިޑްލައިންގައިވާ ކަންކަން އެންމެ ފުރިހަމަޔަށް ޙާޞިލްކުރުމުގައި ރާއްޖެއަށް ކުރިމަތިވާ ގޮންޖެހުންތަކުގެ ގޮތުގައި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދަނޑުވެރިކަމަށް ކުރާ ނޭދެވޭ އަސަރުތަކާއި، ދަނޑުވެރިކަމުގެ މަސައްކަތްތައް ފުޅާކުރުމަށް އެކަށީގެންވާ މިންވަރަށް ބިން ލިބުން ދަތިވުމާއި ދުނިޔޭގައި ހިނގާ ހަނގުރާމަތަކާއި ބަލިމަޑުކަންފަދަ ކަންކަމުން ދުނިޔެއަށް އަންނަ ކުއްލި ބަދަލުތައް މިނިސްޓަރު ފާހަގަކުރެއްވި އެވެ.