Last Updated: October 22, 10:32
Tuesday, October 22, 2024
ޚަބަރު

'މިސްޓަ ޕޮލިސް' އަކީ މިރާހް

ޕޮލިސް ކުލަބާއި ބޮޑީބިލްޑިނގ އެސޯޝިއޭޝަން އޮފް މޯލްޑިވްސް (ބީބީއޭއެމް) ގުޅިގެން ބޭއްވި ފުލުހުންގެ ފުރަތަމަ ސްޕޯޓްސް ފިޒީކް ޗެމްޕިއަންޝިޕްގެ "މިސްޓަރ ޕޮލިސް" ގެ މަގާމު ސީނިއާ ސާޖަންޓް މިރާޙް ޢަބްދުﷲ ހޯދައިފި އެވެ.

އިސްކަންދަރު ކޮށީގައި ބޭއްވި މުބާރާތުގައި އެ މަގާމު ހޯދި މިރާޙް ވަނީ މެންސް ސްޕޯޓްސް ފިޒީކް އަޕްޓު 180 ސެންޓިމީޓަރު ކެޓަގަރީން ވެސް އެއް ވަނަ ހޯދައިފަ އެވެ.

ފުލުހުންގެ ފުރަތަމަ ސްޕޯޓްސް ފިޒީކް ޗެމްޕިއަންޝިޕްގެ މިސްޓަ ޕޮލިސްގެ މަގާމަށް ހާސިލްކުރި މިރާޙް އަށް ވަނީ އެލިއާ އިންވެސްޓްމަންޓްގެ ފަރާތުން ހުށަހަޅާފައިވާ "ޔަމަހާ އެންމެކްސް 155" ގެ ސައިކަލެއް އިނާމުގެ ގޮތުގައި ލިބިފަ އެވެ. އަދި ބްލޭޒް ފިޓްނަސް ސެންޓަރުގެ ފަރާތުން ދެ އަހަރު ދުވަހުގެ ބްރޭންޑް އެމްބެސެޑަރުކަމާއެކު ޖިމް އޯލް އެކްސެސްގެ އިތުރުން އެޕަޓައިޓްގެ ފަރާތުން ތިން އަހަރުގެ ދުވަހުގެ ޑިސްކައުންޓް ކާޑެއް ހާދިޔާގެ ގޮތުގައި ދީފައިވެ އެވެ.

މެންސް ސްޕޯޓްސް ފިޒީކް އަޕްޓު 180 ސެންޓިމީޓަރު ކެޓަގަރީން ދެވަނަ އަށް ހޮވުނީ ސީނިއާ ސާޖަންޓް އިނާޒް ޔޫސުފެވެ. އަދި ތިންވަނަ އަކީ ސަބް އިންސްޕެކްޓަ ޢަލީ އަމަން އެވެ.

"މިސްޓަ ޕޮލިސް" މުބާރާތް ޝަރަފްވެރިކޮށް ދެއްވީ ހޯމްލޭންޑް މިނިސްޓަރު ޢަލީ އިޙްސާނެވެ

ރޭގެ ރަސްމިއްޔާތުގައި ވަނީ ބޮޑީބިލްޑިން ދާއިރާއިން ރަންވަނަތަކެއް ހާސިލްކޮށް، ގައުމަށާއި މުއައްސަސާއަށް ރީތިނަން ހޯދައި ދީފައިވާތީ އެކަމަކުގެ އަގުވަޒަންކުރުމުގެ ގޮތުން ސަބް އިންސްޕެކްޓަ އޮފް ޕޮލިސް މުޙައްމަދު މޫސާ އާއި ކޮންސްޓަބަލް އަޒްނީން ރަޝާދު އަށް ހަނދާނީފިލައެއް ވެސް އަރުވައިފަ އެވެ.

އަދި "މިސްޓަ ޕޮލިސް" މުބާރާތަށް އެކި ގޮތްގޮތުން އެހީތެރިވެ ދީފައިވާ ފަރާތްތަކުގެ އަގުވަޒަންކޮށް ވެސް ފިލާ ދީފައިވެ އެވެ.

އެލިޔާ އިންވެސްޓްމަންޓް އިން ޓައިޓްލް ސްޕޮންސަކުރި 'ޔަމަހާ މިސްޓަ ޕޮލިސް' ގައި ހަތަރު ކެޓަގަރީއަކުން 12 ފުލުހަކު ވާދަކޮށްފައިވެ އެވެ. އެއީ މެންސް ސްޕޯޓްސް ފިޒީކް އަޕްޓު 165 ސެންޓިމީޓަރު، މެންސް ސްޕޯޓްސް ފިޒީކް އަޕްޓު 170 ސެންޓިމީޓަރު، މެންސް ސްޕޯޓްސް ފިޒީކް އަޕްޓު 175 ސެންޓިމީޓަރު އަދި މެންސް ސްޕޯޓްސް ފިޒީކް އަޕްޓު 180 ސެންޓިމީޓަރެވެ.

މެންސް ސްޕޯޓްސް ފިޒީކް އަޕްޓު 165 ސެންޓިމީޓަރު ކެޓަގަރީން އެއްވަނަ ހޯދީ ޢަބްދުލް ރަޙްމާން މިޖާދެވެ. އެ ކެޓަގަރީން ދެވަނަ ސީނިއާ ސާޖަންޓް މުޙައްމަދު އަޒާމް ހޯދިއިރު ތިން ވަނަ އަށް ހޮވުނީ ސާޖަންޓް މުޖުތަބާ މުޙައްމަދެވެ. މެންސް ސްޕޯޓްސް ފިޒީކް އަޕްޓު 170 ސެންޓިމީޓަ ކެޓަގަރީން އެއްވަނަ ހޯދީ ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ކާމިލެވެ. މި ކެޓަރީން ދެވަނަ ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މޫސާ ރަޝީދު ހޮވުނުއިރު ތިން ވަނައަށް ހޮވުނީ ސަބް އިންސްޕެކްޓަ އޮފް ޕޮލިސް އަޖުވަދު އަޝްރަފެވެ.

މެންސް ސްޕޯޓްސް ފިޒީކް އަޕްޓު 175 ސެންޓިމީޓަރު ކެޓަރީ ކާމިޔާބުކުރީ ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު ޝާހިދެވެ. މި ކެޓަރީން ދެވަނައަށް ސީނިއާ ސާޖަންޓް މުޙައްމަދު އަޒްމީލް ހޮވުނުއިރު، ތިން ވަނައަށް ހޮވުނީ ކޮންސްޓަބަލް ހުމައިދު ޢަލީ އެވެ.
މި މުބާރާތުގައި ކެޓަގަރީތަކުން ވަނަތަކަށް ހޮވުނު އެތުލީޓުންނަށް ވަނީ ފައިސާގެ އިނާމާއި ގިފްޓް ވައުޗާ ހަދިޔާގެ ގޮތުގައި ދީފަ އެވެ.

މި މުބާރާތް އަންނަ އަހަރު ވެސް ބާއްވާނެ އެވެ. އަންނަ އަހަރުގެ މުބާރާތް ބާއްވާނީ ޖުލައި 4 ގަ އެވެ.