Last Updated: November 23, 21:59
Saturday, November 23, 2024
ޚަބަރު

އެސްޑީއެމުން 750،000 ގަސް އިންދަނީ

ސަރުކާރުން ކުރިއަށް ގެންދާ ފަސް މިލިއަން ގަސް ޕްރޮޖެކްޓުގެ ދަށުން ގަސް އިންދުމުގެ ހަރަކާތުގައި ސޯޝަލް ޑިމޮކްރެޓިކް ވެންޗާސް ޕްރައިވެޓް ލިމިޓެޑް (އެސްޑީއެމް) އިން ބައިވެރިވެ، 750,000 ގަސް އިންދަން ސޮއިކޮށްފި އެވެ.

އެ ޕްލެޖްގައި ކ. ކާށިދު އަށް ނިސްބަތްވާ ކުންފުނިން އެންވަޔަރަމަންޓް މިނިސްޓްރީއާ އެކު ސޮއިކުރިީ އިއްޔެ އެެވެ.

އެސްޑީއެމް އިން ބުނީ ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމަކީ އެސްޑީއެމްގެ އެންމެ އިސް އަމާޒުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށާއި، ފަސް މިލިއަން ގަސް މަޝްރޫއުގައިއި ބައިވެރިވުމަކީ އެ އަމާޒަށް ވާސިލުވުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށެވެ.

މިނިސްޓަރު ތޯރިހް އިބްރާހީމް ވަނީ މިކަމަށް އެސްޑީއެމުން ދޭން ނިންމި އެއްބާރުލުމަށްޓަކައި ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފަ އެވެ.

އެސްޑީއެމުން ބުނީ 750,000 ގަސް، ރާއްޖޭގެ އެކި ރަށްރަށުގައި އިންދާނެ ކަމަށެވެ.

ރާއްޖޭގައި ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫޢު އިފުތިތާހް މިއަހަރުގެ ތިމާވެށީ ދުވަސް ކަމަށްވާ ޖޫން 5 ގަ އެވެ. މިއީ މޫސުމީ ބަދަލުތަކުން ލިބޭ ގެއްލުން ކުޑަކޮށް، ރާއްޖޭގެ ތިމާވެށީގައި ނެތިދިޔުމުގެ ބިރު ހީވެފައިވާ ގަސްގަހާގެހި އާލާކޮށް، ރާއްޖެ ހޫނުވުން ކުޑަކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިޢުލާންކުރެއްވި ޤައުމީ ޕްރޮގްރާމެކެވެ.

މީގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ ތިމާވެށި ހިމާޔަތްކޮށް، މޫސުމަށް އަންނަ ބަދަލުތަކުގެ ނޭދެވޭ އަސަރުތައް ކުޑަކުރުމެވެ.

ފަސް މިލިއަން ގަސް ޕްރޮގްރާމްގައި މިހާތަނަށް ވަރަށް ގިނަ ކުންފުނިތަކާއި ބައެއް ކައުންސިލްތަކުން ވެސް ބައިވެރިވެފައިވެ އެވެ.