ބޮލީވުޑްގެ ޕްރޮޑިއުސަރު/ޑައިރެކްޓަރު ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަންސްގެ 50 ޕަސެންޓް ހިއްސާ އިންޑިއާގެ މަހުޖަނު އާދާރު ޕޫނަވާލާގެ ކުންފުނި ސެރީން ޕްރޮޑަކްޝަންސް އަށް ވިއްކާލައިފި އެވެ.
ބޮލީވުޑްގެ މިހާރު އެންމެ ކާމިޔާބު ޕްރޮސްޑަކްޝަން ހައުސްތަކުގެ ތެރޭގައި ހިމެނޭ ދަރުމާ އިން އިއްޔެ ވަނީ މި އެއްބަސްވުން ހެދިކަން ކަށަވަރުކޮށް ބަޔާނެއް ވެސް ނެރެފައިވެ އެވެ. އޭގައި ބުނެފައި ވަނީ ސެރީން އަށް ކުންފުނީގެ 50 ޕަސެންޓް ހިއްސާ ވިއްކައިލީ 1،000 ކްރޯޑް ރުޕީސްއަށް ކަމަށެވެ.
ދަރުމާގެ ހިއްސާ އެ ކުންފުންޏަށް ވިއްކައިލީ ދަރުމާގެ މައި ކުންފުންޏާއި އޭގެ ދަށުން ހިންގަމުން އަންނަ ވެބް ކޮންޓެންޓް ގޮފި، ދަރުމަޓިކް އެންޓަޓައިންމަންޓް ހިމެނޭ ގޮތަށެވެ.
ދަރުމާ އިން ސެރީންއާ އެކު ކުރިއަށް ގެންދިޔަ މުއާމަލާތާ އެކީ ދަރުމާގެ އެކްޒެކެޓިވް ޗެއާމަނަކީ ކަރަން އެވެ. އަދި އެ ކުންފުނީގެ ސީއީއޯ އަކީ މިހާތަނަށް ވެސް ދަރުމާ ހިންގުމުގައި އިސްކޮށް އުޅުނު އަޕޫރްވާ މެހެތާ އެވެ.
މިހާތަނަށް ކާމިޔާބު އެތައް ފިލްމެއް ގެނެސްދީފައިވާ އަދި މި ފަހުން މަގުބޫލު ގިނަ ވެބް ކޮންޓެންޓްތައް ގެނެސްދެމުން އަންނަ ދަރުމާގެ ދެބައިކުޅަ އެއްބައި ހިއްސާ އާދާރުގެ ސެރީން އަށް ވިއްކައިލުމާ ގުޅިގެން ކުންފުނީގެ ރައުސުލްމާލު މިހާރު ވަނީ 2،000 ކްރޯޑް ރުޕީސް އަށް އަރައިފަ އެވެ.
ދަރުމާ އަކީ މީގެ 44 އަހަރު ކުރިން ކަރަންގެ ބައްޕަ، ޕްރޮޑިއުސަރު ޔާޝް ޖޯހަރް އުފެއްދި ކުންފުންޏެކެވެ. އޭނަ 2004 ގައި މަރުވި ހިސާބުން ފެށިގެން ކުންފުނި ހިންގަނީ ޔާޝްގެ ހަމައެކަނި ދަރިފުޅު، ކަރަންގެ އިސްކޮށް ހުރެ އެވެ. އެގޮތުން މިހާތަނަށް ކުންފުނީގައި އޮތީ ކަރަންގެ މެޖޯރިޓީ ހިއްސާ އެވެ. އޭނަގެ ހިއްސާ އަކީ 90.7 ޕަސެންޓެވެ. އަދި ބާކީ 9.24 ޕަސެންޓް ހިއްސާ އަކީ ކަރަންގެ މަންމަ/ޕްރޮޑިއުސަރު ހިރޫ ޖޯހަރްގެ ހިއްސާ އެވެ.
ކަރަން ބުނީ އާދާރުގެ ސެރީން އަށް ދަރުމާގެ ހިއްސާ ވިއްކާލުމަކީ ކުންފުނި އިތުރަށް ވަރުގަދަ ކުރަން ހުޅުވުނު އާ ދޮރެއް ކަމަށެވެ. އަދި ދަރުމާ އަކީ އަބަދު ވެސް އޭނަގެ ބައްޕަ ވަރަށް ފޮނި އުންމީދުތަކެއް ކުރި ކުންފުންޏަކަށްވާތީ މި މުއާމަލާތަކީ ކުންފުނީގެ ކުރިމަގު ވަރަށް އުޖާލާކޮށްދޭނެ ކަމެއް ކަމަށެވެ.
އާދާރުގެ ސެރީ އަށް ދަރުމާގެ 50 ޕަސެންޓް ހިއްސާ މި ވިއްކައިލީ އެ ކުންފުނީގެ މެޖޯރިޓީ ހިއްސާ ގަންނަން އިންޑިއާގެ އެންމެ ބޮޑު މަހުޖަނު މުކޭޝް އަމްބާނީ ރިލަޔަންސް ގްރޫޕާއި އާރްޕީ ސަންޖީވް ގޮއެންކާ ގްރޫޕްގެ ދަށުން ހިންގަމުން އަންނަ ސާރޭގާމާ އިން ވެސް ޝައުގުވެރިކަން ފާޅުކޮށްފައި ވަނިކޮށެވެ.
އާދާރު އަކީ އިންޑިއާގެ ބޭސް އުފައްދާ މަޝްހޫރު ކުންފުނި، ސެރަމް އިންސްޓިޓިއުޓް އޮފް އިންޑިއާގެ ސީއީއޯ އެވެ.