މި ސަރުކާރުން ހިންގާ އެއްވެސް މަޝްރޫއެއް އައްޑުއަކު މިހާރު ނެތް ކަމަށް މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އަހުމަދުދީދީ ވިދާޅުވެއްޖެ އެވެ.
އެމްޑީޕީން ރޭ ބޭއްވި "ހަވަރު ބެރު" ޕެނަލް ޑިސްކަޝަންގައި އޭނަ ވިދާޅުވީ ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ އައްޑޫގެ ރައްޔިތުންނަށް އެތައް ކަމެއްކޮށް ދެއްވާނެކަމުގެ ހުވަފެންތަކާއި ފޮނި އުންމީދުތަކެއް ގެނެސްދެމުން ކަމަށެވެ. އެގޮތުން ޓޫރިޒަމް ފުޅާކުރިމާއި އެ ނޫން ވެސް އެތައް ކަމެއް އަައްޑޫގައި ކުރިއަށް ގެންދަވާނެ ކަމަށް ވައުދުވެވަޑައިގަތް ކަމަށް ވިދާޅުވި އެވެ.
ނަމަވެސް މި ސަރުކާރަށް އަހަރެއްވާން ގާތްވަމުން އަންނަ އިތު، ސީދާ މި ސަރުކާރުން ހިންގާ އެއްވެސް މަޝްރޫއެއް އައްޑޫގައި ނެތް ކަމަށް އަހުމަދުދީދީ ވިދާޅުވި އެވެ. އޭނަ ވިދާޅުވީ މިހާރު ކުރިއަށްދާ އައްޑޫގެ މަގުތައް ހެދުމާއި ގަން އެއާޕޯޓް ތަރައްގީ ކުުން ފަދަ މަޝްރޫއުތަކަކީ ކުރީގެ ސަރުކާރުގެ ތެރޭގައި ފެށިފައި ހުރި ޕްރޮޖެކްޓްތަކެއް ކަމަށެވެ.
"ނަމަވެސް މިއަދުގެ ހަގީގަތަކީ މި ސަރުކާރުގެ އެެއްވެސް ކަމެއް އައްޑޫގެ އެއްވެސް ރަށެއްގައި ކުރިއަށް ނުދާކަން." އަހުމަދުދީދީ ވިދާޅުވި އެވެ.
އޭނަ ވިދާޅުވީ މި ސަރުކާރުން ހަރަދުކޮށްގެން ކުރިއަށް ގެންދާ އެއްވެސް މަޝްރޫއެއް އައްޑޫގައި ނެތް ކަމަށެވެ. އަދި އައްޑޫގެ ކަރަންޓާއި ފެނާއި ނަރުދަމާ ނިޒާމު އިތުރަށް ތަރައްގީ ކުރުމަށްޓަކައި، ކުރީގެ ސަރުކާރުން ފަށާފައި ހުރި މަސައްކަތްތައް ވެސް، ސަރުކާރު ބަދަލުވި ފަހުން ކުރިއަށް ނުދާ ކަމަށް ވެސް ވިދާޅުވި އެވެ.
"މުޅި އައްޑޫ ރައްޔިތުން ތަހައްމަލު ކުރަމުން ދަނީ ވަރަށް ބޮޑު ތަކުލީފެއް،" އަހުމަދުދީދީ ވިދާޅުވި އެވެ. "ދޭތެރެ ދޭތެރެއިން ކަރަންޓް އެބަ ކެނޑޭ. ގޭގައި ހުންނަ އިލެކްޓްރޯނިކް ސާމާނު ވެސް ހަލާކުވެގެން މިކަހަލަ ކަންކަމާ އުޅެން މި ޖެހެނީ."
އެމްޑީޕީގެ ފާޑުކިޔުންތައް ސަރުކާރަށް ވަރަށް ބޮޑަށް އަމާޒުވަމުންދާ އިރު، މި ސަރުކާރުން އައްޑޫގައި ކުރިއަށް ގެންދަން ނިންމާފައި އޮތް އެންމެ ބޮޑު ޕްރޮޖެކްޓަކީ ހުޅުމީދު އާއި ހިތަދޫ ބްރިޖަކުން ގުޅައިލުމެވެ. އަދި އައްޑޫގެ ކަރަންޓް އަޕްރޭގްޑް ކުރަން ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފައިވާ އިރު، އައްޑޫގެ ފެނުގެ ނިޒާމު އަޕްގްރޭޑްކުރަން އެމްޑަބްލިއުއެސްސީއާ އޮތީ ހަވާލުކޮށްފަ އެވެ.