Last Updated: October 22, 15:03
Tuesday, October 22, 2024
މުނިފޫހިފިލުވުން

'ގިސް' އަކީ މިހާރު 'ރޯލީމޭ'

މިދިޔަ މަހުގެ ތެރޭގައި ޑާކް ރެއިން އެންޓަޓައިންމަންޓުން "ގިސް" ގެ ނަމުގައި އިއުލާންކުރި ސީރީޒްގެ މަސައްކަތް "ރޯލީމޭ" ގެ ނަމުގައި ފަށައިފި އެވެ.

މިހާރު ޝޫޓިން ކުރިއަށްދާ ސީރީޒްގެ މައިގަނޑު ތަރިންނަކީ ނުޒުހަތު ޝުއައިބް (ނުޒޫ) އާއި އަރަމުން އަންނަ އެކްޓަރު މޫސާ އަލީފެވެ. ނުޒޫ އަކީ ޑާކް ރެއިނުން ގެނެސްދިން "ރޫމިއާ ޖަންނަތު" ގެ ވެސް ބަތަލާ އެވެ. އޭނަ ކުޅުނު އެ ސްޓޫޑިއޯގެ ފިލްމުތަކުގެ ތެރޭގައި "ވަކިން ލޯބިން" އާއި "މާމުއި" އަދި "ގޮށްރާޅު" ހިމެނެ އެވެ.

"ރޯލީމޭ" އިން އަލީފަށް ފުރުސަތު ލިބުނު އިރު، އޭނަ މިހާރު އަންނަނީ ޑާކް ރެއިންގެ "ޕްރޮޖެކްޓް 37" ގައި ވެސް މަސައްކަތް ކުރަމުންނެވެ.

މި މަހު އޮލިމްޕަހުގައި ދެއްކި ހޮރޯ-ކޮމެޑީ "ބިބީ" ގެ ޑައިރެކްޓަރު ޝަހުދާ މަހުމޫދުގެ ސްކްރީންޕްލޭއަކަށް ހަދާ 15 އެޕިސޯޑްގެ ސީރީޒަކީ އަލީ ޝިފާއު (ޗިއްޕެ) ޑައިރެކްޓްކުރާ އެއްޗެކެވެ. "ރޯލީމޭ" އަކީ ޑާކް ރެއިނާއި މީޑިއާނެޓް ގުޅިގެން ހަދާ އެއްޗެކެވެ.

އެ ސްޓޫޑިއޯ އިން ބުނީ ސީރީޒް ނިންމައި ޑިސެމްބަރު މަހުގެ ފުރަތަމަ ހަފުތާ ތެރޭގައި މީޑިއާ ނެޓާ ހަވާލުކުރަން ޖެހޭ ކަމަށެވެ.