Last Updated: October 22, 19:20
Tuesday, October 22, 2024
ޚަބަރު

ގަވާއިދާ ހިލާފަށް ވިޔަފާރި ކުރަމުންދިޔަ 23 ބިދޭސީއަކު އަތުލައިގެންފި

ހުޅުމާލޭގައި ގަވާއިދާ ހިލާފަށް ވިޔަފާރި ކުރަމުންދިޔަ 23 ބިދޭސީއަކު އިމިގްރޭޝަނުން އަތުލައިގެންފި އެވެ.

އިމިގްރޭޝަނުން ބުނީ ހުޅުމާލެ ފޭސް އެކެއްގައި ހުންނަ "ރަށު މާރުކޭޓު" ގައި ގަވާއިދާ ހިލާފަށް ވިޔަފާރިކޮށް މަސައްކަތް ކުރަމުންދާ މީހުން ބެލުމަށް އިއްޔެ ހާއްސަ ރެއިޑު އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ.

އެގޮތުން، މި މާރުކޭޓުގެ 15 ގޮޅިއެއްގައި ގަވާއިދާ ހިލާފަށް ވިޔަފާރިކޮށް މަސައްކަތްކުރަމުންދިޔަ 23 ބިދޭސީން އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފަ އެވެ. މީގެތެރޭގައި ހިމެނެނީ 15 ފިރިހެނުންނާއި 8 އަންހެނުންނެވެ.

މި ރެއިޑުގައި އިމިގްރޭޝަންގެ 30 އޮފިސަރުން އަދި ފުލުހުންގެ 24 އޮފިސަރުން ވަނީ ހަރަކާތްތެރިވެފަ އެވެ. އަދި ކަމާ ގުޅުންހުރި އިދާރާތައް ކަމަށްވާ ހެލްތް ޕްރޮޓެކްޝަން އެޖެންސީ އާއި މިނިސްޓްރީ އޮފް އެކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް އިން ވެސް ވަނީ މި ރެއިޑުގައި ބައިވެރިވެފައިވާ ކަމަށް އިމިގްރޭޝަނުން ބުނެ އެވެ.