Last Updated: October 22, 21:21
Tuesday, October 22, 2024
ޚަބަރު

މަރުގެ ހުކުމް ތަންފީޒު ކުރަން ތައްޔާރު ވަނީ

ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ކުރަން ތައްޔާރުވަމުންދާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިހުސާން ވިދާޅުވީ މަރުގެ އަދަބު ތަންފީޒުކުރަން ބަލަންޖެހޭ މިންގަނޑުތަކެއް ހުންނަ ކަމަށާއި އެގޮތުން ސުވާލު ނުއުފެދޭ ވަރަށް ދެ މީހެއްގެ މައްޗަށް މިހާރު ވެސް މަރުގެ ހުކުމް ތަންފީޒު ކުރެވެން އެބަ އޮތް ކަމަށެވެ.

"ދެން އޮތީ ތަންފީޒީ މަރުހަލާ. އެހެންވީމަ އެއަށް ހަދަން ޖެހޭ، އަޅުގަނޑުމެން ތައްޔާރުވާން ޖެހޭ އުސޫލުތަކާއި ގަވާއިދުތައް އަދި ތަން ވެސް ތައްޔާރުކޮށް މީހުން ތަމުރީނުކޮށް މިކަންކަން އަޅުގަނޑުމެން މިކުރަނީ. އަޅުގަނޑަށް ޔަގީންކަން ދޭން ކެރިދާނެ އަޅުގަނޑުމެން މިހާރު އިއުލާން ކުރައްވާފައި އޮތް ގޮތަށް އެކަން ކުރާނަން ދިވެހިރާއްޖޭގައި،" އިހުސާން ވިދާޅުވި އެވެ.

އިހުސާން ވަނީ އަމާޒަކީ މި މަސައްކަތް ނިމުނުހާ އަވަހަކަށް ރާއްޖޭގައި މަރުގެ އަދަބު ތަންފީޒު ކުރުން ކަމަށާއި ނަމަވެސް އެކަމަށް ވަކި ތާރީހެއް ދޭން ބޭނުން ނުވާ ކަމަށް ވިދާޅުވެފަ އެވެ.

ރާއްޖޭގައި އެންމެ ފަހުން މަރުގެ އަދަބެއް ތަންފީޒުކުރީ 1953 ވަނަ އަހަރު އޭރުގެ ރައީސް މުހައްމަދު އަމީންގެ ވެރިކަމުގަ އެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި މަރުގެ އަދަބު ތަންފީޒުކުރަން ގަވާއިދެއް ހަދައި، ދަންޖައްސައިގެން ނުވަތަ ލީތަލް އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ދޭން ނިންމި އެވެ. ނަމަވެސް މިހާތަނަށް ތަންފީޒެއް ނުކުރެ އެވެ.