Last Updated: October 22, 21:21
Tuesday, October 22, 2024
ޚަބަރު

ދުންފަތުގެ ބަދަލުގައި ފްރެޝް ޖޫސް ބޯން ފަށާ

ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ދީދީ (އައިބީ)

ދުންފަތުގެ އިސްތިޢުމާލު ކުރުމުގެ ބަދަލުގައި ދިވެހިން ފްރެޝް ޖޫސް ބޯން ފެށުމަށް ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ދީދީ (އައިބީ) ގޮވާލައިފި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަމުން އައިބީ ވިދާޅުވީ ދުންފަތުގެ އިސްތިއުމާލުނުކޮށް ވެސް ރާއްޖޭގައި ދިރިއުޅެވޭނެ ކަމަށާއި އޭގެ ބަދަލުގައި ފްރެޝް ޖޫސްތައް ބޯން ފެށުމުން މާ ހަރަދު ވެސް ކުޑަވާނެ ކަމަށެވެ.

"މިތާނގާއި ދުންފަތް ނުބޮއި ވެސް ދިރިއުޅެވޭނެއޭ. ފިނި ހިއްޕަވަންވީ ނޫންތޯ. ފްރެޝް އޮރެންޖު ޖޫހާއި އާފަލު ޖޫހާއި، އެއަށް ވުރެ މާ ހަރަދު ކުޑައެއް ނޫންތޯ،" އައިބީ ވިދާޅުވި އެވެ.

އައިބީ ވިދާޅުވީ ޔޫރަޕްގެ މީހުން ދުންފަތުގެ އިސްތިއުމާލުކުރަން ފެށީ ފިނި މޫސުމުގައި ހީފެލުވުމުގެ ގޮތުން ކަމަށާއި އެމީހުން ކުރާ ހުރިހާ ކަމެއް ދިވެހިން ކޮންމެހެން ކޮޕީ ކުރަން ނުޖެހޭ ކަމަށެވެ. އަދި ދުންފަތުގެ އިސްތިއުމާލު ކުރާ ފަރާތްތަކުން އެމީހުންގެ ދަރީންގެ ދަރީންނަށްޓަކާ މިކަމުން ދުރުވާން މަސައްކަތް ކުރަންޖެހޭ ކަމަށާއި އެގޮތުން މަޖިލިސް މެމްބަރުން މިކަމުގައި ނަމޫނާ ދެއްކުމަށް އައިބީ ވަނީ ގޮވާލާފަ އެވެ.

"މަޖިލީހުގެ އިއްޒަތްތެރި މެންބަރުން ފުރަތަމަ އަޒުމު ކަނޑައަޅަންވީ ނޮވެންބަރ 15 ގަ ތިމަންމެން ހުރިހާ އެންމެން ނަމޫނާ ދައްކާފަ ދުންފަތުން ދުރަށް ދާން. އަޅުގަނޑު ގޮވާލަން. ނޮވެންބަރ 15 އަކީ އަޅުގަނޑުމެންގެ އިއްޒަތްތެރި ރައްޔިތުންގެ މަޖިލީހުގެ ހުރިހާ މެންބަރުން ދުންފަތް ހުއްޓާލަން ނިންމާ ދުވަސްކަމުގައި ހައްދަވަމާ،" އައިބީ ވިދާޅުވި އެވެ.

ރާއްޖޭގައި ވޭޕާއި އިލެކްޓްރިކް ސިނގިރޭޓް މަނާކުރާ ތާރީހާ ޖެހެންދެން އަދި ދުންފަތުގެ ބާވަތްތަކުން ނަގާ އިމްޕޯޓު ޑިއުޓީ ބޮޑުކުރަން ހުށަހަޅާފައިވާ އިސްލާހު ރައްޔިތުންގެ މަޖިލީހަށް މިއަދު ވަނީ ބަލައިގެންފަ އެވެ.