Last Updated: October 22, 21:21
Tuesday, October 22, 2024
މުނިފޫހިފިލުވުން

ޑައިރެކްޓަރު ސުބާޝްގެ ބައޮގްރަފީ ނެރެނީ

ކާމިޔާބު އެތައް ފިލްމެއް ގެނެސްދީފައިވާ ބޮލީވުޑްގެ ޑައިރެކްޓަރު/ޕްރޮޑިއުސަރު ސުބާޝް ގާއީގެ ބައޮގްރަފީ އަންނަ މަހު ނެރެން ނިންމައިފި އެވެ.

އަންނަ މަހު މުމްބާއީގައި ބާއްވާ ލިޓްރޭޗާ ލައިވް ފެސްޓިވަލްގެ ތެރެއިން ނެރެން ނިންމާފައިވާ ބައޮގްރަފީގެ ނަމަކީ "ކަރްމާސް ޗައިލްޑް" އެވެ. އަންނަ މަހުގެ 15 ގައި ނެރެން ބައޮގްރަފީ ލިޔެފައި ވަނީ ސުބާޝް އާއި ނޫސްވެރިޔާ ސުވީން ސިންހާއާ ގުޅިގެންނެވެ. މި ނެރެނީ ޕަބްލިޝިން ހައުސް ހާޕާ ކޮލިންސްގެ ތައްގަނޑުގަ އެވެ.

"ކަރްމާސް ޗައިލްޑް" ނެރެން ބާއްވާ ހަފުލާ ޝަރަފުކޮށް ދޭން ހަމަޖެހިފައި ވަނީ މަޝްހޫރު ޅެންވެރިޔާ ގުލްޒާރެވެ.

ސުބާޝް ބުނީ އޭނަގެ ބައޮގްރަފީގައި ފިލްމީ ކެރިއަރުގެ ވަރަށް ގިނަ ވާހަކަތަކާއި އަމިއްލަ ހަޔާތާ ބެހޭ މުހިއްމު ވާހަކަތަކެއް ވެސް ހިމެނޭނެ ކަމަށެވެ. މުކްތާ އާޓްސްގެ ނަމުގައި އަމިއްލަ ޕްރޮޑަކްޝަން ހައުސްއެއް ވެސް ހިންގަމުން އަންނަ ސުބާޝް ޑައިރެކްޓްކުރި އެންމެ މަގުބޫލު ފިލްމުތަކުގެ ތެރޭގައި "ކާލީޗަރަން"، "ވިޝްވަނާތު"، "ކަރްޒު"، "ހީރޯ"، "ވިދާތާ"، "މޭރީ ޖަންގް"، "ކަރްމާ"، "ރާމް ލަކަން"، "ކަލްނަޔަކު" އަދި "ޕަރްދޭސް" ހިމެނެ އެވެ.

ވަރަށް ގިނަ ތަރިންތަކެއް ވެސް ބޮލީވުޑަށް ތައާރަފުކޮށް ދިން ސުބާޝް، 79، އެންމެ ފަހުން ޑައިރެކްޓްކުރި ފިލްމަކީ 2014 ގެ "ކާންޗީ: ދި އަންބްރޭކަބަލް" އެވެ.