Last Updated: November 24, 17:05
Sunday, November 24, 2024
ޚަބަރު

ސަރުކާރުން އަންނަނީ ޒުވާނުންގެ ހައްގުތައް ނިގުޅައިގަންނަމުން

އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު- ފޮޓޯ: އެމްޑީޕީ

މި ސަރުކާރުން އަންނަނީ ޒުވާނުންގެ ހައްގުތައް ނިގުޅައިގަންނަމުން ކަމަށް އިދިކޮޅު އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަކުރަމުންދާ ޒުވާނުންގެ ދުވަހާއި ގުޅިގެން ޝާހިދު "އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ 2008 ވަނަ އަހަރު ޢަމަލުކުރަން ފެށި ޤާނޫނު އަސާސީ އެކުލަވާލި ރައްޔިތުންގެ ޚާއްސަ މަޖިލީހުގައި އެމްޑީޕީ އިން އިސްނަގައި ވަކާލާތުކޮށް 18 އަހަރުން މަތީގެ ކޮންމެ މީހަކަށް އިންތިޚާބުތަކުގައި ވޯޓު ދިނުމާއި އިންތިޚާބުތަކުގައި ވާދަކުރުމުގެ ޙައްޤު ލިބުނު ދުވަސް، ޒުވާނުންގެ ދުވަހުގެ ގޮތުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހަމަޖެއްސެވީ އެމްޑީޕީއަކީ އަބަދުވެސް ޒުވާނުންގެ ޙައްޤުތައް ކަށަވަރުކުރުމުގައި ދެގޮތެއް ނުވެ ދެމި އޮންނަ ޕާޓީއަކަށް ވާތީ ކަމަށެވެ.

ޒުވާނުންގެ ދުވަސް މިއަދު ފާހަގަކުރަމުންދާއިރު, 18 އަހަރު ފުރޭ ޒުވާނުންގެ ޙައްޤުތައް މި ސަރުކާރުން ނިގުޅައިގަނެ ހަނިކުރަމުންގެންދާތީ އެކަމާ ދެކޮޅަށް އެންމެހާ ޒުވާނުންވެސް މިއަދު އަޑުފުލަންޖެހޭ ކަމަށް ޝާހިދު ވިދާޅުވި އެވެ.

މީގެއިތުރުން ޝާހިދު ވަނީ ޒުވާނުންގެ ދުވަހު އެންމެހާ ދިވެހި ޒުވާނުންވެސް ޢަޒުމު އާކުރަންވީ، ބުރަ މަސަތްކަތާއި ޤުރުބާނީއިން ހޯދި ޙައްޤުތައް ހިފެހެއްޓުމަށް ކަމަށްވެސް ވިދާޅުވެފަ އެވެ.