Last Updated: October 23, 00:23
Tuesday, October 22, 2024
މުނިފޫހިފިލުވުން

ނަހުލާގެ 'ސޮރީ' ގެ ފަސްޓްލުކް ދައްކާލައިފި

ރާއްޖޭގެ މަޝްހޫރު ޑައިރެކްޓަރު/ޕްރޮޑިއުސަރު ފާތުމަތު ނަހުލާގެ އާ ފިލްމު "ސޮރީ" ގެ ފަސްޓްލުކް ޕޯސްޓަރު މިރޭ ދައްކާލައިފި އެވެ.

އޭގައި ފެންނަނީ ކުޑަ ދެ އަންހެން ކުދިންނެވެ. ޕޯސްޓަރުގައި ފިލްމާ ބެހޭ އިތުރު އެއްވެސް މައުލޫމާތެއް ނެތެވެ. އެކަމަކު "ސޮރީ" ގެ ޕޯސްޓަރުން ފެންނަ ދެ ކުދިންނަކީ މި އަހަރުގެ ޖޫން މަހުގެ ތެރޭގައި ނަހުލާ ސޯޝަލް މީޑިއާ ޕޯސްޓެއްގައި ބުނެފައިވާ ގޮތަށް އޭނަގެ އާއިލީ ދެ ކުއްޖެކެވެ.

އޭގެ ތެރެއިން އެއް ކުއްޖަކީގެ ހަގު ދަރިފުޅު ލާލި އެވެ. އަނެއް ކުއްޖާ އަކީ ނަހުލާގެ މާމަދަރި އެވެލީ އެވެ. އެއީ އޭނަގެ ކުރީގެ ފިލްމުތަކެއް ކަމަށްވާ "ނާއުންމީދު" އާއި "ޒުލޭޚާ" ގައި ޗައިލްޑް އާޓިސްޓެއްގެ ގޮތުގައި މުހިއްމު ރޯލުތަކެއް ކުޅުނު ދަރިފުޅު، ނާޝް ސިނާންގެ ދަރިއެކެވެ.

"ސޮރީ" ގެ ފަސްޓްލުކް ނަހުލާ ހިއްސާކުރި ނަމަވެސް މި ފިލްމާ ބެހޭ އެއްވެސް ވާހަކައެއް އޭނަ މިހާތަނަށް މީޑިއާތަކާ ހިއްސާނުކުރާތީ ފިލްމުގެ އިތުރު ކާސްޓުންނަކީ ކޮބައި ކަމާއި ބެލުންތެރިންނަށް ފިލްމު ގެނެސްދޭނެ އިރެއް ވެސް އަދި ނޭނގެ އެވެ.

"ސޮރީ" ގެ ނަމުގައި ފިލްމެއް ހަދަން އުޅޭ ވާހަކަ ނަހުލާ އިއުލާންކުރީ 2019 ގަ އެވެ. އޭރު ބުނެފައި ވަނީ އޭނަ ކުރިން ގެނެސްދީފައިވާ ކަހަލަ ވަރަށް އަސަރު ގަދަ ލޯބީގެ ފިލްމަކަށް ވާނެ ކަމަށެވެ.

ރީތި އަދި އެހާމެ ކާމިޔާބު ފިލްމުތަކެއް ގެނެސްދިން ނަހުލާ އެންމެ ފަހުން ޑައިރެކްޓްކޮށް ގެނެސްދިން ފިލްމަކީ 2016 ގެ ބިރުވެރި ފިލްމު "4426" އެވެ. މިއީ އަހުމަދު ޝިނާންއާ ގުޅިގެން އޭނަ ޑައިރެކްޓްކުރި ފިލްމެކެވެ.