ޒަކާތަކީ އިސްލާމްކަމުގެ ރުކުންތަކުގެ ތެރެއިން ރުކުނެކެވެ. މުސްލިމުންގެ ތެރެއިން މުއްސަނދިންގެ މައްޗަށް ﷲ ތަޢާލާ އެކަން ފަރުޟުކުރައްވާފައިވަނީ، މުޖުތަމަޢުގެ ހަމަޖެހުން ޤާއިމުކުރަށާއި އެއްބަޔަކު އަނެއް ބަޔަކަށް އެހީތެރިވުމާއި ﷲ ގެ މަގުގައި ޖިހާދުކުރުން ފަދަ ޢާންމު މަޞްލަޙަތުތައް ޤާއިމު ކުރުމަށްޓަކަ އެވެ.
އެތައް އާޔަތެއްގައި ނަމާދާ ގުޅިގެން ޒަކާތުގެ ވާހަކަ ގެންނަވާފައިވެއެވެ. އެއީ އެކަމަށް ދެއްވާފައިވާ އަހަންމިއްޔަތު ބަޔާންކޮށް ދެއްވުމަށެވެ. އަދި ޒަކާތުގެ ވާޖިބުކަން ޤުރުއާނާއި، ސުންނަތާ އަދި އިޖުމާޢުން ޘާބިތުވެ އެވެ.
ދައުލަތުން މީސްތަކުންގެ މައްޗަށް ލާޒިމުކުރާ ޓެކްސްއާމެދު ދަންނައެވެ. އެއީ ﷲ ތަޢާލާ ޝަރުޢު ކުރައްވާފައިވާ ކަމެއް ނޫނެވެ. ނަމަވެސް ޒަކާތަކީ ރައްބާނީ ޝަރީޢަތެކެވެ. އަދި އިސްލާމްދީނުގައިވާ އަޅުކަންތަކުގެ ތެރެއިން މަތިވެރިވެގެންވާ އަޅުކަމެކެވެ.
ދައުލަތަށް ދައްކާ ޓެކްސް ދެއްކުމުން ޒަކާތް ނުދައްކާ ފަރުޖެހޭނެކަމަށް ހީކޮށް ބައެއް މީހުން އެބައިމީހުންގެ މުދަލުން ޒަކާތް ނުނެރެއެވެ. މިއީ ހުއްދަ ގޮތެއް ނޫނެވެ. ޓެކްސްއަކީ ވަކި އެއްޗެކެވެ. އަދި ޒަކާތަކީ ވަކި އެއްޗެކެވެ.
اللجنة الدائمة للإفتاء ގެ ޢިލްމުވެރިން ވިދާޅުވެފައިވެ އެވެ.
“މުދަލުގެ ވެރިން އެބައިމީހުންގެ މުދަލުން ދޭ ޓެކްސްއަކީ އެބައިމީހުންގެ މުދަލުން ދިނުން ވާޖިބުވެގެންވާ ޒަކާތްކަމުގައި ބެލުން ހުއްދަވެގެން ނުވެއެވެ. ނަމަވެސް ވާޖިބުވެގެންވަނީ ފަރުޟުވެގެންވާ ޒަކާތް ނެރެ، ޝަރީޢަތުގައި ކަނޑައަޅުއްވާފައިވާ ފަރާތްތަކަށް ދިނުމެވެ. އެއީ ނައްޞުގައި ﷲ ތަޢާލާ ވަޙީކުރައްވާފައިވާ ފަދައިންނެވެ. އެއިލާހު ވަޙީކުރެއްވިއެވެ.
﴿إِنَّمَا الصَّدَقَاتُ لِلْفُقَرَاءِ وَالْمَسَاكِينِ وَالْعَامِلِينَ عَلَيْهَا وَالْمُؤَلَّفَةِ قُلُوبُهُمْ وَفِي الرِّقَابِ وَالْغَارِمِينَ وَفِي سَبِيلِ اللَّهِ وَابْنِ السَّبِيلِ ۖ فَرِيضَةً مِّنَ اللَّهِ ۗ وَاللَّهُ عَلِيمٌ حَكِيمٌ﴾ [سورة التوبة 60]
މާނައީ: “ހަމަކަށަވަރުން ޞަދަޤާތުގެ ތަކެތި ވަނީ ފަޤީރުންނަށާއި، މިސްކީނުންނަށާއި، އެކަމުގެ ޢާމިލުންނަށާއި، އެއުރެންގެ ހިތްތައް އެކުވެރިކުރައްވާ މީހުންނަށާއި (އެބަހީ: އަލަށް އިސްލާމްވީ މީހުންނަށާއި)، އަޅުން މިނިވަންކުރުމުގައްޔާއި، ދަރަނިވެރިންނަށާއި، ﷲގެ މަގުގައްޔާއި، (ޙާލުގައި ޖެހިފައިވާ) ދަތުރުވެރިންނަށެވެ. ﷲގެ ޙަޟްރަތުން ކަނޑައަޅުއްވާފައިވާ ފަރުޟެއްގެ ގޮތުގައެވެ. ﷲ އީ، މޮޅަށް ދެނެވޮޑިގެންވާ، ޙަކީމުވަންތަ އިލާހެވެ.” މި އާޔަތެވެ.” ا.هـ.
[فتاوى اللجنة الدائمة (9 / 285)]
ޓެކްސް ދެއްކުން މީސްތަކުންގެ މައްޗަށް ލާޒިމުކުރުމުގެ އަޞްލަކީ އެކަން ޙަރާމްވެގެން ވުމެވެ. ނަމަވެސް ޟަރޫރީ ޙާލަތްތަކުގައި ދައުލަތުން ޓެކްސް ނެގުން ހުއްދަވެގެންވެއެވެ. އެއީ ޝަރުޠުތަކަކާ އެކުގައެވެ. އެއީ:
ޢަދުލުވެރިކަމާއެކު އެކަން ކުރުން. ފަހެ، އެކަމުގެ ސަބަބުން އެއް ބަޔަކަށް ވުރެ އަނެއް ބަޔަކަށް އުނދަގުލަކަށްވެގެން ނުވާނެއެވެ. އެހެނެއްކަމަކު، އެކަން ލާޒިމުކުރަންވާނީ މުއްސަނދިންގެ މައްޗަށް، އެމީހެއްގެ މުއްސަނދިކަމާ އެއްވަރަށެވެ. އަދި ފަޤީރުންގެ މައްޗަށް އެކަން ލާޒިމުކުރުން ހުއްދަވެގެން ނުވެއެވެ. އަދި ފަޤީރުންނާއި މުއްސަނދިން މިކަމުގައި އެއްވަރުކޮށްގެން ނުވާނެއެވެ.
ބައިތުލްމާލު (އެބަހީ: ދައުލަތުގެ ޚަޒާނާ) ހުސްވެފައިވުން. ދައުލަތަކީ މުއްސަނދި ދައުލަތެއް ކަމުގައިވާނަމަ، އެފަދަ ދައުލަތަކުން މީސްތަކުންނަށް ޓެކްސް ދެއްކުން ލާޒިމުކުރުން ހުއްދަވެގެން ނުވެއެވެ. އެޙާލަތުގައި އެކަންވާނީ ޙަރާމް ކުރައްވާފައިވާ “މަކްސް”ގެ[1] ތެރެއިންނެވެ. އެއީ ބޮޑެތި ފާފައިގެ ތެރެއިންވާ ކަމެކެވެ.
ޟަރޫރަތަކާ ގުޅިގެން އިސްތިޘްނާ ޙާލަތްތަކެއްގައި އެކަން ކުރުން. ދާއިމީ ގޮތެއްގައި ކުރާ ކަމެއް ކަމުގައި އެކަން ހެދުން ހުއްދަވެގެން ނުވެއެވެ.
“الموسوعة الفقهية” ގައި ވެއެވެ. ބައިތުލްމާލުގައި ހިމެނޭ ތަކެތީގެ ތެރޭގައި:
“މީސްތަކުންގެ މަޞްލަޙަތު ހިމެނޭ ކަންކަމުގައިވާ، ޖިހާދާއި އަދި އެނޫން ވެސް އެފަދަ ކަންކަމަށްޓަކައި އެބައިމީހުންގެ އަތުން ނެގޭ ޓެކްސް ހިމެނެއެވެ. ބައިތުލްމާލުގައިވާ އެއްޗަކުން އެކަންކުރުމަށް ނުފުދުމުން މެނުވީ އެފަދަ ޓެކްސްއެއް ނެގުން ހުއްދަވެގެން ނުވެއެވެ. އެއީ ޟަރޫރީ ޙާލަތެކެވެ. އެ ނޫން ޙާލަތެއްގައި އެއީ ޝަރީޢަތާ ޚިލާފުކަމެކެވެ.” ا.هـ.
[الموسوعة الفقهية (8 / 247)]
މުސްލިމުންގެ ބައިތުލްމާލަށް މާލީ ފައިދާ ހޯދުމަށް ޝަރީޢަތުގައި ހުއްދަ ކުރައްވާފައިވާ އެތައް ގޮތެއް ވެއެވެ. އެފަދައިން މުސްލިމުން ޢަމަލުކޮށްފިނަމަ ﷲ ތަޢާލާ އެބައިމީހުން މުއްސަނދި ކުރައްވާނެއެވެ. އަދި ވަރަށް ނާދިރު ޙާލަތްތަކެއްގައި މެނުވީ ޓެކްސް ނަގާކަށް ނުޖެހޭނެއެވެ.
އުންމަތަށް ޙަޤީޤީ މަޞްލަޙަތެއް ހޯދައި ދިނުމަށް އެއިން ލިބޭ އެއްޗެއް ހޭދަކުރުން. ﷲ އަށް އުރެދެވޭ އެއްވެސް ކަމެއްގައި އެއިން ބޭނުން ކޮށްގެން ނުވާނެއެވެ. އަދި މީސްތަކުންގެ މަޞްލަޙަތު ނެތް ކަންކަމުގައިވެސް އެއިން ބޭނުން ކޮށްގެން ނުވާނެއެވެ. ފިލްމުކުޅޭ މީހުންނާއި، ފަންނާނުންނާއި، ކުޅިވަރުކުޅޭ މީހުންނަށް ހޭދަކުރުމަށާ އަދި ނާޗަރަނގީ ކުޅުމަށް އެއިން ލިބޭ ފައިސާ ޚަރަދުކޮށްގެން ނުވާނެއެވެ.
[1] “މަކްސް”: ބަހުގެ ގޮތުން މަކްސްއަކީ މަދުވުން ނުވަތަ އަނިޔާއެވެ. ޖާހިލިއްޔަ ޒަމާނުގައި މަކްސްއޭ ކިޔާ އުޅުނީ ބާޒާރުގައި އެއްޗެހި ވިއްކާ މީހާގެ އަތުން ނަގާ އުޅުނު ދިރުހަމުތަކަށެވެ. މީސްތަކުން ގަނެވިއްކާއިރު އެބައިމީހުންގެ އަތުން ވެރިންގެ ޢައުވާނުން ފޮނުވައިގެން ނަގާ އުޅޭ މުދަލަށްވެސް މިފަދައިން ކިޔާ އުޅެއެވެ. [الموسوعة الفقهية 37/354]
މަސްދަރު: ދިސަލަފިއްޔާ