Last Updated: October 23, 00:23
Tuesday, October 22, 2024
ޚަބަރު

ލިބޭ އާމްދަނީން ނޫޅެވެންޏާ ވާނީ ދަރަނިވެރި: އާޒިމް

ލިބޭ އާމްދަނީން އުޅެން ނޭގެންޏާ ވާނީ ދަރަނިވެރި ކަމަށް މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

އޭނަ މިރޭ ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ އެ އުޅުން ހުއްޓާލި ދުވަހަކުން ނޫނީ ހަމަޖެހިލައިގެން އުޅެވޭނެ ދުވަހެއް ގައުމަށް ވެސް ރައްޔިތަކަށް ވެސް ފެނުން ދުރު ކަމަށެވެ.

ލިބޭ އާމްދަނީ ދެކޮޅު ނުޖެހޭ ވާހަކަ އަކީ ދިވެހިން މިހާރު އެންމެ ގިނައިން ދައްކާ އެއް ވާހަކަ އެވެ. ހާއްސަކޮށް މާލެ ސަރަހައްދުގައި ދިރިއުޅުމުހެ އަގުބޮޑުވެ، ލިބޭ އާމްދަނީ ނުފުދޭ ވާހަކަ ދައްކާ މީހުން ދަނީ ދުވަހަށް އިތުރުވަމުންނެވެ. އެގޮތުން ކުއްޔަށާއި އަސާސީ ހިދުމަތްތަކުގެ ބިލްތައް ބޮޑުވުމާއި ބާޒާރުގައި ތަކެތީގެ އަގު އުފުލުން ފަދަ މައްސަލަތަކާ ހެދި، ގިނަ ބަޔަކަށް މިހާރު އުޅެން ޖެހިފައި ވަނީ ލިބޭ އާމްދަނީން ދެކޮޅު ނުޖެހިގެންނެވެ.

ނަތީޖާ އަކީ ދިރިއުޅުމުގެ ކަންކަން ހަމަޖައްސަން ދަރަނިވެރިވާން ވެސް ޖެހުމެވެ.

ރައްޔިތުން މި ހާލުގައި ތިބި އިރު، ސަރުކާރުގެ ހަރަދުތައް ބޮޑުވެގެން އެ ވާހަކަ ވެސް ދައްކަން ވެސް އޮތީ ޖެހިފަ އެވެ. ސިޔާސީ މަގާމުތައް އިންތިހާ އަށް އިތުރުވުމަކީ އެންމެ ބޮޑު އެއް ކަންބޮޑުވުމެވެ.

ރާއްޖޭގެ އިގުތިސާދީ، މާލީ ހާލަތު މިހާރު ހުރި ގޮތުން ސަރުކާރަށް ވެސް ޖެހިފައި ވަނީ އިގުތިސާދު ހަމައަކަަށް އަޅުވަން އާ ވިސްނުންތަކެއް ނެރެ އެކަންކަން ތަންފީޒު ކުރަން ފެށުމެވެ. އެގޮތުން މިހާރު މި ވަނީ ތިން ޓެކްހެއް ބޮޑު ވެސް ކުރަން ނިންމައިފަ އެވެ.

މިއާ އެކީ އުފެދިފައިވާ ކަންބޮޑުވުންތަކާއި އުދާސްތައް ގިނަ އެވެ.

އަނެއްކޮޅުން ސަރުކާރުން މިހާރު މަސައްކަތް ކުރަނީ މި އަހަރަށް ފާސްކުރި ބަޖެޓް ނުފުދިގެން، ސަޕްލިމަންޓަރީ ބަޖެޓެއް ހުށަހެޅުމަށެވެ.