ޓޫރިޒަމް ޤާނޫނަށް ބަދަލުގެނެސްގެން ނަމަވެސް އައްޑޫގައި ބަންދުކޮށްފައިވާ ޝަންގްރިއްލާ ރިސޯޓު ހުޅުވާނެކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރު ފައިސަލްއާ ސުވާލު ކުރުމަށް ލިބުނު ފުރުސަތުގައި ހިތަދޫ ދެކުނު ދާއިރާ އިބްރާޙިމް ނާޒިލް ވަނީ، ޝަންގްރިއްލާ 6 މަސް ތެރޭ ހުޅުވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދެއްކަން ފާހަގަކޮށް އެކަމުގެ އަޕްޑޭޓަކީ ކޮބައިތޯ ސުވާލު ކުރައްވާފަ އެެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ފައިސަލް ވިދާޅުވީ ޝަންގްރިއްލާގެ މައްސަލައަކީ އައްޑޫގެ ޓޫރިޒަމަށް އޮތް އެންމެ ބޮޑު ގޮންޖެހުން ކަމަށެވެ. ފައިސަލް ވިދާޅުވީ މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު ފުރަތަމަ މަސްތެރޭގައިވެސް ޝަންގްރިއްލާގެ، ރާއްޖޭގައި ތިބި މެނޭޖްމަންޓާވެސް ބައްދަލުކުރެއްވި ކަމަށެވެ.
ފައިސަލް ވިދާޅުވީ ޝަންގްރިއްލާ އޮޕަރޭޝަނަށް ނުގެނެވި އޮތީ މިސަރުކާރުގެ 10 މަހުގައި އެކަނި ނޫންކަމަށާއި އެރަށް އޮޕަރޭޝަނަލް ނުގެނެވި އޮންނަތާ ގިނަ އަހަރުތަކެއް ވެފައިވާ ކަމަށެވެ. އަދި ޝަންގްރިއްލާގެ އޯނަރުންނާ ބައްދަލުކުރުމަށް ޓޫރިޒަމް މިނިސްޓްރީގެ ޓީމެއް ވަރަށް އަވަހަށް އެ ބޭފުޅުން ތިއްބެވި ތަނަކަށް ދާނެކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.
ޓޫރިޒަމް ތަރައްގީ ކުރުމަށް ރަށެއް ނަގާ ތަރައްގީ ކުރުމަށް ފަހު އޮޕަރޭޓު ނުކޮށް އޮތްނަމަވެސް ކުލި ދައްކާ ނަމަ އެ ރަށް ނެގޭނެ ހާލަތެއް ގާނޫނުގައި ނޯންނަކަން މިނިސްޓަރު ފައިސަލް ފާހަގަ ކުރެއްވި އެވެ. އަދި ވިދާޅުވީ ޓޫރިޒަމް ޤާނޫނަށް އިސްލާހު ގެނެސްގެން ނަމަވެސް ޝަންގްރިއްލާ ރިސޯޓު ހުޅުވާނެކަމަށެވެ.
"އެހެންވީމާ އަޅުގަނޑަށް ގަބޫލު ކުރެވެނީ، ޝަންގްރިއްލާ ހުޅުވުމަށް ޓޫރިޒަމް ގާނޫނަށް ގެންނަން ޖެހޭ އިސްލާހެއް ގެނެސްގެން އެކަން ކުރަންޖެހޭ ކަމުގައިވާނަމަވެސް އެކަން ކުރާނެ ވާހަކަ،" މިނިސްޓަރު ފައިސަލް ވިދާޅުވި އެވެ.
މިނިސްޓަރު ފައިސަލް ވިދާޅުވީ ވީހާވެސް އަވަހަށް ޝަންގްރިއްލާ ހުޅުވުމަށް ރައީސް ވެލެއްވި ވައުދު ފުއްދަވާނެ ކަމަށެވެ.
ކޮވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި ބަންދުކުރި ގޮތަށް އެ ރިސޯޓު މިހާތަނަށް ހުޅުވާފައެއް ނުވެ އެވެ. ޝަންގްރިއްލާ ވިލިގިލި ރިސޯޓް އެންޑް ސްޕާ އަކީ ސަރުކާރުގެ 30 ޕަސެންޓް ހިއްސާ އާއި އައްޑޫ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑްގެ 70 ޕަސެންޓް ހިއްސާއާ އެކީ 2008 ގައި ހުޅުވި ރިސޯޓެކެވެ. ކުރީ ސަރުކާރުން މިދިޔަ އޮގަސްޓު މަހުގެ ތެރޭގައި ވަނީ އެ ރިސޯޓުގައި އޮތް ސަރުކާރުގެ 30 ޕަސެންޓް ހިއްސާ ދޫކޮށްލާފަ އެވެ. ޝަންގްރިއްލާ ބަންކުރުމާ ގުޅިގެން އެތައް ބައެއްގެ ވަޒީފާ ވެސް ގެއްލި، އައްޑޫގެ އިގުތިސާދަށް އެކަމުގެ ނޭދެވޭ އަސަރުކޮށްފައިވެ އެވެ.