Last Updated: November 23, 21:59
Sunday, November 24, 2024
ޚަބަރު ރައްޔިތުންގެ މަޖިލީސް

ހަނިމާދޫ އެއާޕޯޓް ނިމެންވާއިރަށް ހދ. ގެ އެނދުތައް އިތުރު ކުރަނީ

ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް- ފޮޓޯ: ޒުވާން މަސްވެރިޔާ ވެބްސައިޓް

ހަނިމާދޫ އެއާޕޯޓް ތަރައްގީކޮށް ނިމެންވާއިރަށް ހދ. އަތޮޅުގައި ޓޫރިސްޓް އެނދުތައް އިތުރު ކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ވަނީ، ހދ. އަތޮޅުގައި ޓޫރިޒަމްގެ ހަރަކާތްތައް އެކަށީގެންވާ ގޮތަކަށް ފެށިފައިނުވާތ،ީ އެކަން ހައްލުކުރުމުގެ ގޮތުން ކުރީ ސަރުކާރުން އިންޑިއާ ސަރުކާރުގެ އެހީގައި ހަނިމާދޫގައި އިންޓަނޭޝަނަލް އެއާޕޯޓެއް ހެދުމުގެ މަސައްކަތް ފަށާފައިވާކަމަށާއި، އަދި އެ މަސައްކަތް ނިމެންވާއިރަށް ހދ.އަތޮޅުގައި ޓޫރިސްޓް ބެޑް އިތުރުކުރުމަށް މި ސަރުކާރުން އެއްވެސް މަސައްކަތެއް ކުރުމަށް ރޭވިފައިވޭތޯ ސުވާލު ކުރައްވާފަ އެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ފައިސަލް ވިދާޅުވީ، ފަތުރުވެރިކަން ނެތް ހިސާބުތަކަށް ޓޫރިޒަމްގެ ފުރުސަތުތައް ފަހިކޮށް އެ ސިނާއަތު ކުރިއެރުވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެއް ކަމަށެވެ. އެހެންކަމުން އެ ވައުދު ފުއްދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރައްވަމުން ދާކަމަށެވެ.

މިނިސްޓަރު ފައިސަލް ވިދާޅުވީ މިއަންނަ އަހަރު މާޗު މަހަށް ހަނިމާދޫ އެއާޕޯޓްގެ މަސައްކަތް ނިމޭނެ ކަމަށް ލަފާ ކުރެވޭކަމަށެވެ. އަދި އޭރަށްވާއިރަށް ހދ. އަތޮޅުގައި އެކަށީގެންވާ ވަރަށް އެނދު އުފެއްދުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށެވެ.

"ހަނިމާދޫ އެއާޕޯޓް ނިމެންވާއިރަށް، އެ ތަނަށް 4000 އެނދު ގެނައުމުގެ މަސައްކަތް މި ދަނީ ކުރަމުން،" މިނިސްޓަރު ފައިސަލް ވިދާޅުވި އެވެ.

މީގެއިތުރުން މިނިސްޓަރު ފައިސަލް ވިދާޅުވީ ރައީސް މުއިއްޒު ދުބާއީ އަދި އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި ކުރިއަށްގެންދިޔަ އިންވެސްޓާ ފޯރަމްތަކުގައި ހދ. އަތޮޅުގައި ފަތުރުވެރިކަމަށް ހުރި ރަށްތަކުގެ މައުލޫމާތު އިންވެސްޓަރުންނާ ހިއްސާކޮށްފައިވާކަމަށެވެ.