ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ހަތަރު ބިލެއް އިތުރަށް ދިރާސާ ކުރުމަށް ސަބްކޮމިޓީތަކަށް ފޮނުވައިފި އެވެ.
މުޅި މަޖިލީހުގެ ކޮމިޓީގެ ބައްދަލުވުމެއް މިއަދު ކުރިއަށް ގެންގޮސްފައިވާއިރު އެ ކޮމިޓީ ބައްދަލުވުމުގައިވަނީ ހަތަރު ބިލެއް ދިރާސާ ކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފަ އެވެ. މުޅި މަޖިލީހުގެ ކޮމިޓީން ދިރާސާ ކޮށްފައިވަނީ ދިވެހިރާއްޖޭގެ އެއާޕޯޓަކުން ދިވެހިރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހާއި، ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހާއި، މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ އިތުރުން ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ބިލެވެ.
މިއަދު ކުރިއަށް ގެންދިޔަ މުޅި މަޖިލީހުގެ ކޮމިޓީން ނިންމާފައިވަނީ މި ބިލުތައް ދިރާސާކުރުމަށް މަޖިލީހުގެ މާލިއްޔަތު ކޮމެޓީ އާއި އިގްތިސޯދީ ކޮމެޓީ ހިމެނޭހެން އެކުލަވާލާ ސަބްކޮމެޓީއަކަށް ފޮނުވުމަށެވެ.
މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަކީ އަންނަ ޖޫން އިން ފެށިގެން ޓީޖީއެސްޓީ 16% އިން 17% އަށް ބޮޑު ކުރުމަށް ހުށަހަޅާފައިވާ އިސްލާހެވެ. ދިވެހިރާއްޖޭގެ އެއާޕޯޓަކުން ދިވެހިރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހަކީ އަންނަ 1 ޑިސެމްބަރުން ފެށިގެން އެއާޕޯޓުން ފުރާ މީހުންގެ އަތުން ނަގާ ފީތައް ބޮޑު ކުރުމަށް ހުށަހަޅާފައިވާ އިސްލާހެކެވެ.
ޓޫރިޒަމް ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހަކީ ގްރީން ޓެކްސް ބޮޑުކުރުމާ ބެހޭ ގޮތުން ހުށަހަޅާފައިވާ އިސްލާހެކެވެ. އަދި ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހަކީ ސިނގިރޭޓާއި، ބިޑި، ވޭޕް އަދި ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ ބޮޑު ކުރުމަށް ހުށަހަޅާފައިވާ އިސްލާހެކެވެ.