ކޮމަންވެލްތުން 2026 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ކުދި ގައުމުތަކުގެ ވަޒީރުންގެ ބައްދަލުވުމުގެ ކޯޗެއަރ އެއްގެ ގޮތުގައި ރާއްޖެ ހަމަޖެހިއްޖެ އެވެ.
ރާއްޖެ ކޯ-ޗެއަަރއެއްގެ ގޮތުގައި ހަމަޖެހި، އެކަން އިއުލާންކޮށްފައިވަނީ ސަމޯއާގެ އަޕިއާގައި މިއަދު ބޭއްވި ކޮމަންވެލްތުގެ ކުދި ގައުމުތަކުގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމުގަ އެވެ.
ފޮރިން މިނިސްޓްރީން ބުނީ 2026 ވަނަ އަހަރު ބާއްވާ މި ބައްދަލުވުމުގައި ރާއްޖެއާއެކު ކޯޗެއަރކަން ކުރާނީ އެއަހަރު ކޮމަންވެލްތު އިސްވެރިންގެ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވާ ގައުމު ކަމަށެވެ.
މި ބައްދަލުވުމުގެ ކޯޗެއަރއެއްގެ ގޮތުގައި ރާއްޖެއިން މަސައްކަތްކުރާނީ ކުދި ޤައުމުތަކުގެ މަސްލަހަތު ކުރިއެރުވުމަށްކަމަށް ހާރިޖީ ވުޒާރާއިން މައުލޫމާތު ދެ އެވެ. ރާއްޖެއަށް މި ފުރުސަތު ލިބުމަކީ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކާއި ކުދި ޤައުމުތަކުގެ މަސްލަހަތު ކުރިއެރުވުމަށް ބައިނަލްއަޤްވާމީ މަސްރަހުގައި ރާއްޖެއިން ކުރަމުންދާ މަސައްކަތަށް އިތުރު ބާރެއް ލިބިގެންދާނެކަމެއްކަމަށް އެ ވުޒާރާއިން ފާހަގަކުރެ އެވެ.
ސަމޯއާގައި މި އޮކްޓޫބަރު މަހުގެ 22 އިން 26 އަށް ކުރިއަށްދާ ކޮމަންވެލްތު އިސްވެރިންގެ ބައްދަލުވުމުގެ ހަވާސާގައި ބޭއްވި ކޮމަންވެލްތުގެ ކުދި ޤަައުމުތަކުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން، ޚާރިޖީ ވަޒީރު ޑރ ޢަބްދުﷲ ޚަލީލް ވަނީ ކޮމަންވެލްތުގެ ކުދި ގައުމުތަކުގެ ޚާރިޖީ ވަޒީރުންނާއެކު ކުދި ގައުމުތަކަށް ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފަ އެވެ.
ކޮމަންވެލްތުގެ ކުދި ގައުމުތަކުގެ ވަޒީރުންގެ ބައްދަލުވުމަކީ ކޮމަންވެލްތުގައި ހިމެނޭ 33 ކުދި ގައުމަށް ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށްއެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ކޮމަންވެލްތުގެ ގައުމުތަކުގެ ޚާރިޖީ ވަޒީރުންގެ މެދުގައި ބާއްވާ ބައްދަލުވުމެކެވެ. މި އަހަރުގެ މި ބައްދަލުވުުމުގެ ކޯޗެއަރކަން ކޮށްފައިވަނީ ކޮމަންވެލްތު އިސްވެރިންގެ ބައްދަލުވުން ކުރިއަށްދާ ސަމޯއާގެ އިތުރުން އެސްވާޓިނީއެވެ.