Last Updated: November 23, 21:59
Saturday, November 23, 2024
ޚަބަރު

5.1 ބިލިއަންގެ ސަޕްލިމެންޓަރީ ބަޖެޓެއް ހުށަހަޅައިފި

ރައްޔިތުންގެ މަޖިލީހަށް 5.1 ބިލިޔަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓެއް މިއަދު ހުށަހަޅައިފިއެވެ.

އެ ބަޖެޓް މަޖިލީހަށް ހުށައެޅުއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރެވެ.

ސަޕްލިމެންޓަރީ ބަޖެޓުގެ ޖުމްލައަކީ 5،119،508،129ރ. އެވެ.މީ ގައި ހިމެނެނީ ރިކަރަންޓް ޚަރަދުގެ ގޮތުގައި 1.5 ބިލިއަން ރުފިޔާ އާއި ކެޕިޓަލް ޚަރަދުގެ ގޮތުގައި 3.5 ބިލިޔަން ރުފިޔާ އެވެ.

މިނިސްޓަރު ވިދާޅުވީ މި އަހަރަށް ފާސްކުރި ބަޖެޓަކީ މިދިޔަ ސަރުކާރުން އެކުލަވާލާފައިވާ ބަޖެޓެއް ކަމަށާއި، ޚަރަދުތައް ކުޑަކޮށް ދެއްކުމަށްޓަކައި މި އަހަރުގެ ޖުލައި މަހުން ފެށިގެން ރިފޯމްތަކެއް އަންނާނެ ކަމަށް ބަލައިގެން ބަޖެޓު އެކުލަވާލި އިރު، އެ ރިފޯމްތައް އެކީގައި ތަންފީޒު ކުރެވޭ ގޮތަށް އެކުލަވާލާ ފަރުމާ ކުރުމުގެ ޒިންމާ ނިމިދިޔަ ސަރުކާރުން އަދާކޮށްފައި ނެތް ކަމަށެވެ.

މި އަހަރުގެ ދައުލަތުގެ ބަޖެޓަކީ 49.8 ބިލިއަން ރުފިޔާ އެވެ.

އަދި ސަރުކާރުން ސަޕްލިމަންޓް ހުށަހެޅީ މާލިއްޔަތުގެ ގާނޫނުގައި ވާގޮތަށް ކުރިއަށް އޮތް މަސްތަކުގައި ހިނގާނެ ކަމަށް ލަފާކުރާ ޚަރަދުތައް ކުރިއާލައި ރައްޔިތުންގެ މަޖިލީހަށް އިއުލާނުކޮށް ހުއްދަ ހޯދުމަށް އެދުމުގެ ތެރެއިން ކަމަށް ވެސް ވިދާޅުވި އެވެ.

ސަޕްލިމަންޓަރީ ބަޖެޓެއް ހުށަހަޅަން ނިންމިކަން ސަރުކާރުން އިއުލާންކުރީ މި މަހުގެ 19 ގަ އެވެ.