ބައިނަލްއަގްވާމީ ސުލްހައާއި ހަމަޖެހުމަށް ކޮންމެ ގައުމަކުންވެސް މަސައްކަތް ކުރަންޖެހޭނެ ކަމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
ޝާހިދު މިފަދައިން ވިދާޅުވީ މިއަދު ފާހަގަކުރާ "ޔޫ.އެން ޑޭ" ގެ މުނާސަބަތާ ގުޅުވާ 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގަ އެވެ. ޝާހިދު ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ބޮޑެތި ގައުމުތަކާއެކު ކުޑަ ގައުމުތަކުންވެސް ބައިނަލްއަގްވާމީ ސުލްހައާއި ހަމަޖެހުމާއި ކުރިއެރުމަށް މަސައްކަތް ކުރަން ޖެހޭކަމަށާއި އެކަން ދިވެހިރާއްޖެއިން ސާބިތު ކޮށްދީފައި ވާކަމަށެވެ.
ދިވެހިރާއްޖެއިން އަބަދުވެސް އދގެ މުހިއްމުކަން ގަބޫލުކުރާކަން ފާހަގަކޮށް ޝާހިދު ވިދާޅުވީ 1965 ވަނަ އަހަރުގެ ޖުލައި 26 ގައި މިނިވަންކަން ލިބުމަށްފަހު ރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ ފުރަތަމަ ނިންމުމަކަށް ނިންމީ އދގެ މެމްބަރުކަން ހޯދަންކަމަށެވެ.
މީގެއިތުރުން ޝާހިދު ވިދާޅުވީ އދގެ ޗާޓަރުގެ އަސާސްތަކާއި ހަމަތައް ނެގެހެއްޓުން ކުރިއަށްވުރެ މިހާރު މުހިންމު ވެފަިއވާ ކަމަށެވެ. އަދި މަޝްވަރާއާއި އެއްބައިވަންތަކަން ކުރިއަށް ނެރުމަށްވެސް ގޮވާލެއްވި އެވެ. އަދި ދުނިޔެއަށް މިހާރު ދިމާވެފައިވާ ބޮޑެތި މައްސަލަތަކަށްވެސް ހައްލު ހޯދުމުގައި އދގެ ދައުރު މުހިންމުކަން ފާހަގަ ކުރެއްވި އެވެ.
ޔޫ.އެން ޑޭ ފާހަގަކުރަނީ 1945 އޮކްޓޯބަރު 24 ވަނަ ދުވަހު އދ އުފެއްދުމަށް ގައުމުތަކުން އެއްބަސްވެ، ސޮއިކުރި ކުރުން ފާހަގަކުރުމަށެވެ.