ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅި ސަޕްލިމެންޓްރީ ބަޖެޓު ދިރާސާކުރަން ބަޖެޓު ކޮމިޓީއަށް މިއަދު ފޮނުވައިފި އެވެ.
މަޖިލީހަށް ސަރުކާރުން މިއަދު ހުށަހަޅާފައިވަނީ 5.1 ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓެކެވެ. މި ބަޖެޓުގެ ތެރޭގައި ހިމެނެނީ ރިކަރަންޓް ޚަރަދުގެ ގޮތުގައި 1.5 ބިލިއަން ރުފިޔާ އާއި ކެޕިޓަލް ޚަރަދުގެ ގޮތުގައި 3.5 ބިލިޔަން ރުފިޔާ އެވެ.
ސަޕްލިމެންޓްރީ ބަޖެޓްގެ ބަހުސް މިއަދު ހަވީރު ނިންމާލުމަށްފަހު، މަޖިލީހުގެ ރިޔާސަތުން ވަނީ ބަޖެޓް ދިރާސާކުރަން ކޮމިޓީ އަށް ފޮނުވާފައިވާކަން އިއުލާންކުރައްވާފަ އެވެ.
ސަޕްލިމެންޓަރީ ބަޖެޓް ދިރާސާ ކުރާ ކޮމިޓީން އެއް ދުވަސްތެރޭ ބަޖެޓް ދިރާސާކޮށް ނިންމުމަށް މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ.
ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ މި އަހަރަށް ފާސްކުރި ބަޖެޓަކީ މިދިޔަ ސަރުކާރުން އެކުލަވާލާފައިވާ ބަޖެޓެއް ކަމަށާއި، ޚަރަދުތައް ކުޑަކޮށް ދެއްކުމަށްޓަކައި މި އަހަރުގެ ޖުލައި މަހުން ފެށިގެން ރިފޯމްތަކެއް އަންނާނެ ކަމަށް ބަލައިގެން ބަޖެޓު އެކުލަވާލި އިރު، އެ ރިފޯމްތައް އެކީގައި ތަންފީޒު ކުރެވޭ ގޮތަށް އެކުލަވާލާ ފަރުމާ ކުރުމުގެ ޒިންމާ ނިމިދިޔަ ސަރުކާރުން އަދާކޮށްފައި ނެތް ކަމަށެވެ.
އަދި ސަރުކާރުން ސަޕްލިމަންޓްރީ ބަޖެޓެއް ހުށަހެޅީ މާލިއްޔަތުގެ ގާނޫނުގައި ވާގޮތަށް ކުރިއަށް އޮތް މަސްތަކުގައި ހިނގާނެ ކަމަށް ލަފާކުރާ ޚަރަދުތައް ކުރިއާލައި ރައްޔިތުންގެ މަޖިލީހަށް އިއުލާނުކޮށް ހުއްދަ ހޯދުމަށް އެދުމުގެ ތެރެއިން ކަމަށް ވެސް ވިދާޅުވި އެވެ.
މި އަހަރުގެ ދައުލަތުގެ ބަޖެޓަކީ 49.8 ބިލިއަން ރުފިޔާ އެވެ.