ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ސަޕްލިމެންޓްރީ ބަޖެޓުގައި އޮތީ ހުސް އޮޅުވާލުން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
މަޖިލީހަށް ސަރުކާރުން މިއަދު ހުށަހަޅާފައިވަނީ 5.1 ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓެކެވެ. މި ބަޖެޓުގެ ތެރޭގައި ހިމެނެނީ ރިކަރަންޓް ޚަރަދުގެ ގޮތުގައި 1.5 ބިލިއަން ރުފިޔާ އާއި ކެޕިޓަލް ޚަރަދުގެ ގޮތުގައި 3.5 ބިލިޔަން ރުފިޔާ އެވެ.
ޕީއެންއެފުން ރޭ ބޭއްވި ފްރޮންޓް އޮފީހުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޔާމީން ވިދާޅުވީ މިއަހަރަށް ފާސްކުރި 49 ބިލިއަން ރުފިޔާގެ ބަޖެޓް ހުސްވެފައި ނުވާ ކަމަށާއި އެހެންކަމުން އިތުރަށް ފައިސާ ހޯދަން ގޮސްގެން ނުވާނެ ކަމަށެވެ. ސަރުކާރުން މަޖިލީހަށް ހުށަހެޅި ސަޕްލިމެންޓްރީ ބަޖެޓުގައި ޕީއެސްޕީއަށް ވެސް ފައިސާ ހިމަނާފައިވާއިރު، މިއަހަރަށް މަޖިލީހުން ފާސްކުރި ބަޖެޓުގައި ޕީއެސްއައިޕީ އަށް ހިމަނާފައި އޮތް 9 ބިލިއަން ރުފިޔާގެ ތެރެއިން މިހާތަނަށް ހަރަދުކުރީ ދެ ބިލިއަން ރުފިޔާ ކަމަށް ޔާމީން ވިދާޅުވި އެވެ.
ސަރުކާރުން ޕީއެސްއައިޕީ އަށް އިތުރު ފައިސާތަކެއް ހޯދަން އުޅޭއިރު އަހަރުގައި ބާކީ އޮތީ ދެ މަސް ކަމަށާއި އެ މުއްދަތުގައި ޕީއެސްއައިޕީ އަށް ދެ ބިލިއަން ރާއްޖޭގެ އެއްވެސް ހިސާބެއްގައި ހޭދަނުކުރެވޭނެ ކަމަށްވެސް ޔާމީން ވިދާޅުވި އެވެ.
މީގެއިތުރުން ޔާމީން ވަނީ ސަޕްލިމެންޓްރީ ބަޖެޓުގައި ސަރުކާރުގެ ކުންފުނިތަކަށް ހަރަދުކުރަން 400 މިލިއަން ރުފިޔާ ހިމަނާފައި އޮތުމުން އެކަމަށް ވެސް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އެގޮތުން ކުންފުނިތަކަށް އަހަރު ފަހުކޮޅު ދޭން އޮތީ ކޮން ސަބްސިޑީއެއްތޯ ސުވާލު އުފައްދަމުން ޔާމީން ވަނީ އެ ފައިސާ ހިމަނާފައި އޮތީ ސިޔާސީ ވަޒީފާތަކުން ވަކިކުރާ މީހުން ކުންފުނިތަކަށް ވެއްދުމަށްފަހު އެ މީހުންނަށް މުސާރަ ދިނުމަށް ކަމަށް ވިދާޅުވެފަ އެވެ.
ސަރުކާރުން ސަޕްލިމެންޓްރީ ބަޖެޓަކަށް ދާންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށާއި މަޖިލީހުން މި ބަޖެޓް ފާސްކުރުމުގެ ކުރިން ސަރުކާރު ޖަވާބުދާރީ ކުރުވަންޖެހޭ ކަމަށްވެސް ޔާމީން ވިދާޅުވި އެވެ.