ކެންސަރަށް ބައްޔަށް ހާއްސަކޮށްގެން އަޅަން ނިންމާފައި ވަނީ 25 ބުރީގެ ހޮސްޕިޓަލެއް ކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ ޢަބްދުއްރައްޒާޤް ޙަލީމު ވިދާޅުވެއްޖެ އެވެ.
އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އައިޖީއެމްއެޗްގެ ސީއީއޯ ވިދާޅުވީ ކެންސަރު ބައްޔަށް ހާއްސަކޮށްގެން އަޅަން ނިންމާފައިވާ ހޮސްޕިޓަލް އަޅާނީ އައިޖީއެމްއެޗާ އިންވެގެން ހުންނަ ދަރުމަވަންތަ ހޮސްޕިޓަލްގެ ހުޅަނގުން އޮތް ޕާކިން އޭރިއާގައި ކަމަށެވެ.
ޙަލީމް ވިދާޅުވީ އެ ބިމުގައި އަޅަން ނިންމާފައި ވަނީ 25 ބުރީގެ ޓަވަރެއް ކަމަށާއި އެކަމަށް ބޭނުންވާ ބިން ވެސް މިހާރު ހަމަޖެހިފައި ވާކަމަށެވެ. އޭނަ ވިދާޅުވީ މި މަޝްރޫއުގެ ފުރަތަމަ މަރުހަލާގައި ހަދާ ޑިޒައިނާއި ކޮންސެޕްޓް ވެސް މިހާރު ނިމިފައިވާ ކަމަށާއި ކުރިއަ ށްއޮތް އަހަރަށް ކަނޑައަޅާ ބަޖެޓުގައި އޭގެ ތަފުސީލު ކުރެހުންތައް ހެދުމާއި ކޮންޓްރެކްޓް ކުރުމުގެ މަސައްކަތަށް ބޭނުންވާ ހަރަދުތައް ހިމެނިގެންދާނެ ކަމަށެވެ.
ކެންސަރު ހޮސްޕިޓަލަކީ ކުރިން ލ. އަތޮޅުގައި ކުރިއަށް ގެންދަން ކުރީގެ ސަރުކާރުން ނިންމި މަޝްރޫއެކެވެ. ނަމަވެސް މި އެ މަޝްރޫއު މާލެ އަށް ބަދަލުކުރީ މި ސަރުކާރުންނެވެ.