މިހާރަކަށް އައިސް ބައެއް ފިރިން އަނބިދަރީންނަށް ޚަރަދުނުކޮށް އެ ކަމަށް އިހުމާލުވަމުންދާ ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފި އެވެ.
ހުތުބާގައި ބުނީ ފިރީންނަކީ މާތް الله ވަރަށް މަތިވެރި އަމާނާތެއް ޙަވާލުކުރައްވައިފައިވާ ބައެއް ކަމަށާއި އޭނާއަށް ޙަވާލުކުރެވިފައިވާ އެންމެ ބޮޑު އަމާނާތަކީ އަނބިދަރީން ކަމަށެވެ.
އަނބިދަރީންނަށް ޚަރަދުކުރުމަކީ ފިރިމީހާގެ މައްޗަށް ވާޖިބުވާ ކަމަކަށްވާ އިރު އެ ވާޖިބު އަދާކުރުން މަތީ ދެމިތިބުމަކީ ނުހަނު މަތިވެރި ސަވާބާއި ދަރުމަހުރި ކަމެއް ކަމަށާއި ނަމަވެސް މިހާރަކަށް އައިސް ބައެއް ފިރީން އަނބިދަރީންނަށް ޚަރަދުނުކޮށް އެ ކަމަށް އިހުމާލުވަމުން ދިޔުމަކީ ހިތާމަހުރި ކަމެއް ކަމަށް ހުތުބާގައި ބުނެފައިވެ އެވެ.
"ދެމަފިރީން ވަރިވުމަށް ފަހު ދަރީންނަށް ޚަރަދުނުދީ ފިލައިގެން އުޅޭ މީހުންވެސް މަދެއް ނޫނެވެ. ކޯޓު މެދުވެރިކޮށް ވެސް ދަރީންނަށް ދޭން ޖެހޭ ޚަރަދު ނުދީ އުޅޭ މީހުން ވެސް މަދެއް ނޫނެވެ. މިއީ އިންތިހާއަށް ހިތާމަކުރާން ޖެހޭ ކަމެކެވެ،" ހުތުބާގައި ބުންޏެވެ.
މި ކަންކަމާ ބެހޭ ގޮތުން ޤިޔާމަތް ދުވަހުން ސުވާލުކުރެވޭނެ ކަމަށާއި މިގޮތަށް އުޅޭ މީހުން ވަގުތު ފާއިތުވުމުގެ ކުރީން ތައުބާވެ، މާތްاللهގެ ރުހިވޮޑިގަތުން ހޯދުމަށް މަސައްކަތްކުރުމަށް ހުތުބާގައި ވަނީ އިލްތިމާސްކޮށްފަ އެވެ.
މީގެއިތުރުން ހުތުބާގައި ވަނީ ފިރިމީހާ އޭނާގެ މުދަލުން އަނބިދަރީންނަށް ހޭދަނުކުރާ ނަމަ އޭނާގެ އިޒުނައާ ނުލައި އަސާސީ ޙާޖަތްތައް ފުއްދޭ މިންވަރަށް ފިރިމީހާގެ މުދަލުން ނަގައި ހޭދަކުރުން އަނބިމީހާއަށް ހުއްދަވާނެ ކަމަށާއި އެއީ ވައްކަމެއް ނޫން ކަމަށްވެސް ބުނެފަ އެވެ.