ރާއްޖޭގެ ދެ ސަރަހައްދެއްގައި އުފެއްދުމަށް ނިންމާފައިވާ ހައި ކޯޓުގެ ދެ ގޮފީގެ ތެރެއިން ދެކުނު ގޮތްޕަށް ފަނޑިޔާރުން ހަމަޖައްސައިފިއެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި ދެކުނުގައި އުފައްދާ ހައިކޯޓް ގޮފީގެ ފަނޑިޔާރުން ކަމަށް ހަމަޖައްސާފައިވަނީ ހައި ކޯޓުގެ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު އާއި ޝުއައިބު ހުސައިން ޒަކަރިއްޔާ އާއި އައްބާސް ޝަރީފް އެވެ.
ހައި ކޯޓުގެ ދެކުނު ދާއިރާގެ ގޮފި ގާއިމުކުރަން ނިންމާފައި ވަނީ މިހާރުގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޒު އަބްދުﷲ ސައީދުގެ އުފަން ރަށް ކަމުގައިވާ ސ. މީދޫގަ އެވެ.
ސުޕްރީމް ކޯޓުން ނެރުނު ގަރާރެއްގައި ބުނެފައި ވަނީ ކޯޓުތަކުގެ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން އުފައްދާ ހައި ކޯޓުގެ ދެ ގޮތްޕަށް ފަނޑިޔާރުން ކަނޑައެޅީ އިއްޔެ ރޭ ބޭއްވި، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާގުން ކަމަށެވެ.
ދެކުނުގައި އުފައްދާ ހައިކޯޓުގެ ގޮތްޕަށް ޝުޢައިބު ހުސައިން އާއި އައްބާސް ޝަރީފް ބަދަލުކުރަން ނިންމާފައިވާއިރު އެބޭފުޅުންނަކީ، މިހާރު ހައިކޯޓުގައި ކުރިއަށްދާ ކާނަލް ނާޒިމްގެ މައްޗަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމްގެ އިސްތިއުނާފް މައްސަލަ ބައްލަވާ ބެންޗްގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރުން ކަން ފާހަގަކޮށްލެވެއެވެ.
ހައި ކޯޓުގެ ކޮންމެ ގޮތްޕަކަށް ތިން ފަނޑިޔާރުން ކަނޑައަޅަންޖެހޭ އިރު އެގޮތަށް ކަނޑައެޅުމުން ކޮންމެ ގޮތްޕެއްގައި ވެސް ތިބޭނީ ތިން ފަނޑިޔާރުންނެވެ. އެހެންވުމުން އެންމެ ފަނޑިޔާރަކު މަދުވިޔަސް މައްސަލަ ކުރިއަކަށް ނުގެންދެވޭނެ އެވެ.