ބޮލީވުޑްގައި މިހާރު ހޮރޯ-ކޮމެޑީ ޖޯންރާގެ ޖާދޫ ގަވަދަމުން އަންނަ އިރު، ބަތަލާ ކިއާރާ އަދުވާނީ ވެސް އެ ޖޯންރާގެ ފިލްމަކަށް ސޮއިކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ޕިންކްވިލާ އިން ބުނީ އޭނަ ސޮއިކުރީ ޕްރޮޑިއުސަރު ދިނޭޝް ވިޖަންގެ މެޑޮކް ފިލްމްސް އިން "ދޭވީ" ގެ ނަމުގައި ހަދަން ނިންމާފައިވާ ހޮރޯ-ކޮމެޑީއަކަށް ކަމަށެވެ. އޭގެ ޓައިޓްލް ރޯލު ކިއާރާ ކުޅޭ ގޮތަށް ހަމަޖެހުނު ނަމަވެސް، ފިލްމާ ބެހޭ އިތުރު އެއްވެސް ތަފުސީލެއް އަދި ހާމައެއް ނުކުރެ އެވެ.
މެޑޮކް އިން މި އަހަރު ވަރަށް ކާމިޔާބު ދެ ހޮރޯ-ކޮމެޑީ ގެނެސްދީފަ އެެވެ. އެއި ހިންދީ ސިނަމާގައި މިހާތަނަށް އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމުގެ ރެކޯޑް ވެސް ހޯދި "އިސްތިރީ 2" ގެ އިތުރުން "މުންޖިއާ" އެވެ.
ޕިންކްވިލާ އިން ބުނީ ކިއާރާގެ "ދޭވީ" އަކީ މެޑޮކްގެ އިސްތިރީ ސިނަމެޓިކް ޔުނިވާސް އަށް ނިސްބަތްވާ ފިލްމެއް ކަމަށާއި މީގެ ޝޫޓިން ފަށާނެ ކަމަށް ބެލެވެނީ އަންނަ އަހަރުގެ މެދުތެރޭގައި ކަމަށެވެ. އަދި "ދޭވީ" ވާނީ މެޑޮކް އަށް ކިއާރާ ކުޅޭ ފުރަތަމަ ފިލްމަށެވެ. ބޮލީވުޑްގެ މިހާރު އެންމެ ޑިމާންޑް ބޮޑު ބަތަލާއިންގެ ތެރޭގައި ހިމެނޭ ކިއާރާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ތެލެގޫ އެކްޓަރު ރާމް ޗަރަންގެ "ގޭމް ޗޭންޖާ" އާއި ރިތިކް ރޯޝަންގެ "ވޯ 2" އާއި ކަންނާޑާ އެކްޓަރު ޔާޝްގެ "ޓޮކްސިކް" ގެ އިތުރުން ރަންވީރު ސިންގްގެ "ޑޮން 3" ހިމެނެ އެވެ
އެކްޓަރު ސިދާތު މަލްއުތުރާގެ އަންހެނުން ކިއާރާގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ "ސަތިއަ ޕްރޭމް ކީ ކަތާ" އެވެ.
މެޑޮކްގެ ފިލްމަކަށް ކިއާރާ ސޮއިކުރި އިރު، ސިދާތު ވަނީ އެ ސްޓޫޑިއޯގެ ލޯބީގެ ފިލްމަކަށް ސޮއިކޮށްފަ އެވެ. ޖާންވީ ކަޕޫރް ބަތަލާގެ ރޯލު ކުޅެން ހަމަޖެހިފައިވާ އެ ފިލްމުގެ ޝޫޓިން އަންނަ މަހުގެ ތެރޭގައި ފަށަން އޮތީ ޕްލޭންކޮށްފަ އެވެ.