ރަމްޟާން މަހަކީ އައްޑޫ ސިޓީގައި ހިނގާ ކުށްތައް މަދު، ރައްޔިތުންނަށް ރައްކާތެރިކަން ކަށަވަރު ވެފައިވާ ސިޓީއެއްގެ ގޮތުގައި ބޭއްވުމަށް އިސްކަންދީގެން ރަމްޟާންމަހަށް ޚާއްޞަކޮށްގެން އައްޑޫ ސިޓީގައި ޙާއްސަ އޮޕަރޭޝަނެއް މިމަހުގެ 18 ވަނަ ފަށާފައިވާކަން މިއަދު ފުލުހުން ވަނީ ހާމަކޮށްފައެވެ.
ފާއިތުވި 12 ގަޑިއިރުގެ ތެރޭގައި އައްޑޫ ސިޓީގައި ނުރައްކާތެރި 2 އެކްސިޑެންޓެއް ހިނގާފައި ވަނިކޮށް ފުލުހުންގެ ވެބްސައިޓްގައި މިއަދުގެ މެންދުރު ފަހުގެ ވަގުތެއްގައި ބުނެފައިވާ ގޮތުގައި، "މިމަހުގެ އަށާރަވަނަ ދުވަހުން ފެށިގެން ކުރިޔަށް ގެންދާ މިއޮޕަރޭޝަންގައި އައްޑޫ ސިޓީގެ އެކި ސަރަޙައްދުތައް ވަކި ވަގުތުތަކެއްގައި ޚާއްޞަ އިސްކަންދީގެން ބެލެހެއްޓުމާ ވައްކަން ކުރުން މަދުކުރުމަށް ވަކި ވަގުތުތަކެއްގައި ވިޔަފާރިތަކާ ގޯތިގެދޮރާއި އޮފީސްފަދަ ތަންތަން ބެލެހެއްޓުން ހިމެނެއެވެ."
ނަމަވެސް އިތުބާރު ހުރި ގޮތެއްގައި 'އައްޑޫލައިވް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުންގެ ފަރާތުން އައްޑޫ ސިޓީގެ ބައެއް ބޮޑެތި މަގުތަކުގައި ބެރިކޭޑް ޖެހުން ފިޔަވައި އިތުރު ކަމެއް މީގެ ކުރިން ކޮށްފައެއް ނުވެއެވެ.
ދަމު ނަމާދާއި ތަރާވީހަށްދާ މީހުންގެ ސައިކަލްތަކަށް ގެއްލުން ދިނުން އާންމުވެފައި
އައްޑޫ ސިޓީގެ މިސްކިތްތަކަށް ދަމު ނަމާދަށާއި ތަރާވީޙް ނަމާދަށް ދާ މީހުންގެ ސައިކަލުތަކަށް ގެއްލުންދޭ މައްސަލަ ބޮޑުވެގެން އެކަން ހައްލުކޮށްދިނުމަށް އެދި ފުލުހުންގެ އެހީތެރިކަމަށް ބައެއް ރައްޔިތުން އެދިފައިވާއިރު އެކަމަށް ވެސް ފުލުހުންގެ ފަރާތުން އެކަށީގެންވާ އެހީތެރިކަމެއް ލިބިފައިނުވާ ކަމަށް 'އައްޑޫލައިވް' އާއި ވާހަކަދެއްކި ބައެއް މީހުން ވަނީ ބުނެފައެވެ.
ސައިކަލްތަކަށް ގެއްލުން ދިނުމުގެ މައްސަލަތައް އިތުރުވުމާއި ގުޅިގެން ބައެއް މިސްކިތްތަކުގައި އަމިއްލަ ފަރާތްތަކުން ގެންދަނީ ސެކިއުރިޓީ ބަލަހައްޓާނެ މީހުން ހަމަޖައްސައިފައެވެ. އެގޮތުން ޒިކުރާ ފައުންޑޭޝަންގެ ފަރާތުން ވެސް ވަނީ މަސްޖިދުއް ޒިކުރާގައި ސެކިއުރިޓީ ބަލަހައްޓާނެ މީހަކު ހަމަޖައްސާފައެވެ.
ފުލުހުން މިމަހުގެ 18 ވަނަ ދުވަހުން ފެށިގެން 'ޙާއްސަ އޮޕަރޭޝަނެއްގައި' ހަރަކާތްތެރި ވަމުން އަންނައިރު މިސްކިތްތަކަށް ނަމާދަށް ދާ މީހުންގެ ސައިކަލްތަކަށް ގެއްލުންދިން މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފައި ނުވާކަން ވެސް ފާހަގަކޮށްލެވެއެވެ.
ރޯދަ މަހު ދުވާލު ގްރޫޕް ހަދައިގެން ގޮސް ވަލުތެރޭގައި ކެއުން
ބައެއް ޒުވާނުންގެ މެދުގައި 'ފެޝަނަކަށް' ވެގެން ގޮސް މާތް ވެގެންވާ ރަމަޟާން މަހުގެ ރޯދަ ގަސްތުގައި ދޫކޮށްލުން މިވަނީ އާންމުވެގެން ގޮސްފައެވެ. ހިތަދޫ އިން ނަމަ ކޯއްޓޭ ސަރަހައްދާއި އީސީސީ ހިމެނޭ ސަރަހައްދުގައި ގްރޫޕްތަކުން ދުވާލު ގަޑީގައި ކެއުން ބުއިން ކުރިއަށް ގެންދާކަމީ އައްޑޫ ސިޓީގެ ހުރިހާ ރައްޔިތުން ދަންނަ ބޮޑު 'ސިއްރަކަށް' ވަނީ ވެފައެވެ. އެހެން ނަމަވެސް 'ޚާއްސަ އޮޕަރޭޝަނުގައި' ތިބި އައްޑޫގައި މަސައްކަތް ކުރާ ފުލުހުންނަށް އެކަން 'ނޭނގެނީ' ކަމަށް ވެދާނެއެވެ.
ހިތަދޫ ބަނދަރުގައި މަސައްކަތް ކުރާ މުވައްޒަފަކު 'އައްޑޫލައިވް' އަށް މައުލޫމާތު ދެމުން ބުނިގޮތުގައި އީސީސީ ސަރަހައްދުގައި ރޯދަ މަހުގެ 2 ވަނަ ދުވަހު ގްރޫޕަކުން ކާން ތިއްބާ ފެނިގެން އެ މައްސަލަ ފުލުހުންނަށް ރިޕޯޓް ކުރި ކަމަށާއި ނަމަވެސް ފުލުހުންނަށް އާދެވުނު އިރު އެ ގްރޫޕް އެތަނުން ގޮސްފައިވާ ކަމަށެވެ.
އީސީސީ ސަރަހައްދާއި ހިތަދޫ ޕޮލިސް ސްޓޭޝަން ދެމެދު ހުންނަނީ ގާތްގަނޑަކަށް 1.8 ކިލޯ މީޓަރެވެ.
ބާރު ސްޕީޑްގައި ދުއްވުން ނުހުއްޓުވޭ !
އައްޑޫ ސިޓީގެ މަގުތަކުގައި ބާރު ސްޕީޑްގައި ވެހިކަލްތައް ދުއްވައިގެން ހިނގާފައި ހުރި ނުރައްކާތެރި އެކްސިޑެންޓްތަކުގެ ވާހަކަ އަކީ އިތުރު ތަފްސީލެއް ބޭނުންވާނެ ވާހަކައެއް ނޫނެވެ. ހއ. ތުރާކުނުން ފެށިގެން ސ.ގަމާއި ހަމައަށް ދިވެހިރާއްޖޭގެ ކޮންމެ ރައްޔިތަކަށް ވެސް އައްޑޫ ސިޓީގެ މަގުތަކުގެ ނުރައްކާތެރިކަން އެނގެއެވެ. 'އަފިރިންގެ އަމާން އައްޑޫ ސިޓީ' އާއި ތަފާތު އެކި ނަންނަމުގައި މީގެ ކުރިންވެސް ފުލުހުން ތަފާތު އޮޕަރޭޝަންތައް ހިންގާފައިވާއިރު އޭގެ ސަބަބުން ވެސް އެކަށީގެންވާ ނަތީޖާތަކެއް ނެރެވިފައި ނުވާކަން ފާހަގަކޮށްލެވެއެވެ.
ފުލުހުންގެ އެކަނި މަސައްކަތުން ހަމަގައިމުވެސް ބާރު ސްޕީޑްގައި ދުއްވާ ފަރާތްތަކާއި މެދު ފިޔަވަޅު އެޅުމަށް ފުލުހުން 'ނުކުޅެދިފައިވާ' ކަމަށް އައްޑޫގެ ރައްޔިތުން ބުނެއެވެ. އެމީހުން ބުނާގޮތުގައި ފުލުހުން ޓްރެފިކް އޮޕަރޭޝަން ހިންގަނީ ހަމައެކަނި ލައިސަންސް ބެލުމަށް ކަމަށެވެ.
" ފުލުހުންނަށް އެކަށީގެންވާ ވަސީލަތްތަކެއް އައްޑޫގައި ނެތް. ސްޕީޑް ބަލަން ގެންގުޅޭ 2 ނުވަތަ 3 މުޅި އައްޑޫގައި ފުލުހުން ބޭނުން ކުރަނީ. މިދައްކަނީ 30 ކިލޯމީޓަރަށް ވުރެ ދިގު މަގެއްގެ ވާހަކަ. ދެން އަނެއްކޮޅުން ޓްރެފިކް ޕޮލިސް ގައި މަސައްކަތް ކުރަން ވަކި ހާއްސަ ފުލުހުން ނެތި ލޯންގް ރަންގައި މަގުތަކުގައި ބާރަށް ދުއްވާ މައްސަލަ ހައްލެއް ނުވާނެ. " ، މީގެ ކުރިން ފުލުހުންގެ ތެރޭގައި މަސައްކަތް ކޮށްފައިވާ މީހަކު ބުންޏެވެ.
'ޚާއްސަ އޮޕަރޭޝަނެއްގައި' ފުލުހުން ހަރަކާތްތެރިވާ އިރު އައްޑޫގެ ރައްޔިތުން ކަންބޮޑުވުންތަކަށް ހައްލެއް ނުލިބޭ ނަމަ އެއީ ވަރަށް ވެސް ހިތާމަހުރި ކަމެކެވެ. ހަމައެކަނި ބެރިކޭޑް ޖަހައިގެން ފުލުހުންނަށް އައްޑޫގެ މަގުތަކުގައި ބާރު ސްޕީޑްގައި ދުއްވުން ނުހުއްޓުވޭނެ ކަން އެންމެ ފަހުން ހިނގި 2 އެކްސިޑެންޓް ހިނގި ގޮތަށް ބަލާލުމުން ވެސް އެނގިގެންދެއެވެ. ފުލުހުންނަކީ ހަމައެކަނި ވެހިކަލެއްގެ ތެރޭގައި ތިބެގެން ރަށުތެރެ ބަލަހައްޓާ ބަޔަކަށް ވުމުގެ ބަދަލުގައި ރައްޔިތުންނާއި ގާތުން ޚިދުމަތްތަކެއް ދޭ ބަޔަކަށް ވެގެން ނޫނީ ކިތަންމެ ގިނަ 'ޚާއްސަ އޮޕަރޭޝަން' ތަކެއް ހިންގިޔަސް ނަތީޖާއެއް ނެރެވޭނެ ކަމަކަށް ނުބެލެވެއެވެ.