Last Updated: April 9, 09:39
Wednesday, April 9, 2025
ޚަބަރު

ހަކަތައިގެ ބިޔަ މަޝްރޫއަށް 1.3 ބިލިއަން ޑޮލަރު ބޭނުންވޭ

ރާއްޖޭގައި ބޭނުންކުރާ ކަރަންޓުގެ 33 އިންސައްތަ އުފައްދައި ދޭނެ އިއާދަކުރަނިވި ހަކަތައިގެ ނިޒާމެއް ގާއިމުކުރަން ސަރުކާރުން ފަށާފައިވާ ޕްރޮޖެކްޓަށް 1.3 ބިލިއަން ޑޮލަރު ބޭނުންވާ ކަމަށް އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު ވިދާޅުވެއްޖެ އެވެ.

އެމެރިކާގެ ވޮޝިންޓަންގައި ކުރިއަށްދާ ވޯލްޑް ބޭންކް އަދި އައިއެމްއެފްގެ އަހަރީ ބައްދަލުވުމުގައި ތަގުރީރު ކުރައްވަމުން މުނައްވަރު ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކުގެ އެންމެ ބޮޑު އަސަރެއް ކުރަނީ ރާއްޖެ ފަދަ ކުދި ގައުމުތަކަށް ކަމަށާއި 2028 ވަނަ އަހަރު ރާއްޖޭގައި 33 އިންސައްތަ ކަރަންޓް އިއާދަކުރުވަނިވި ހަކަތައިން އުފެއްދުމަށް އަޒުމް ކަނޑައަޅާފައިވާ ކަމަށެވެ.

"މި މަޝްރޫއުއަށް ގާތްގަނޑަކަށް 1.3 ބިލިއަން ޑޮލަރު ބޭނުންވާއިރު، އަދި މިހާތަނަށް ހިލޭ އެހީގެ ގޮތުގައި ލިބިފައިވަނީ އެންމެ 13 އިންސައްތަ،" މުނައްވަރު ވިދާޅުވި އެވެ.

އިއާދަކުރުވަނިވި ހަކަތަ ބޭނުންކުރުމުން މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުމަށް ހޭނުމުގެ އިތުރުން މާލީ ގޮތުން ވެސް ފައިދާތަކެއް ވެގެންދާ ކަމަށާއި އެގޮތުން ތެލަށް ކުރަންޖެހޭ ޚަރަދު ކުޑަވުމަކީ ރާއްޖެ ފަދަ ގައުމަކުން ބޭރުފައިސާ ޚަރަދުކުރަންޖެހޭ މިންވަރު މަދުވެގެންދާ ކަމެއް ކަމަށް މުނައްވަރު ވިދާޅުވި އެވެ.

ގަވަރުނަރު ވިދާޅުވީ އައިއެމްއެފްގެ ރެސިލިއަންސް އެންޑް ސަސްޓެއިނަބިލިޓީ ފަންޑް އިން މިހާރު ވެސް ތައުރީފު ހައްގު މަސައްކަތްތަކެއް މިދާއިރާއިން ކުރަމުންދާ ކަމަށާއި އެހެން ނަމަވެސް ރާއްޖެ ފަދަ ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް ބުރައަކަށް ނުވާނޭ ގޮތަށް މޫސުމީ ގެއްލުންތަކުން އަރައިގަތުމަށާއި އިއާދަކުރުވަނިވި ހަކަތައަށް ބަދަލުވުމަށް އެހީވުމަށް އިތުރު އިންތިޒާމުތައް ހަމަޖެއްސުން މުހިންމު ކަމަށެވެ. އަދި މި ކަމުގައި އަމިއްލަ ފަރާތްތަކުގެ އިންވެސްޓްމަންޓްތައް އިތުރުކުރުމަށް އާ ސްޓްރެޓެޖީތައް އެކުލަވާލުން މުހިންމުކަން ގަވަރުނަރު ވަނީ ފާހަގަކުރައްވާފަ އެވެ.

ތަރައްގީވަމުން އަންނަ އިގްތިސާދުތަކުގެ ތެރެއިން ތިން ބައިކުޅަ ދެ ބަޔަކީ ބޮޑު ދަރަނިތަކެއް ތަހައްމަލްކުރަމުންދާ ގައުމުތަކެއް ކަމަށް ވެސް ގަވަރުނަރު ވިދާޅުވި އެވެ. އެހެންކަމުން ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުގެ ބޭނުންތަކާއި ގައުމުތަކުގެ ހާލަތަށް މިހާރަށްވުރެ ބޮޑަށް ވިސްނަންޖެހޭ ކަމަށް ގަވަރުނަރު ފާހަގަކުރެއްވި އެވެ. އަދި ބޮޑަށް ދަރަނިވެރިވެފައިވާ ގައުމުތަކަށް ބޭނުންވާ އެހީތެރިކަން ދިނުމުގެ ގޮތުން ހަރުދަނާ ފިޔަވަޅުތަކެއް ވޯލްޑް ބޭންކާއި އައިއެމްއެފުން އަދި މަލްޓިލޭޓަރަލް ބޭންކްތަކުން އަޅަންޖެހޭ ކަމަށް ވެސް ގަވަރުނަރު މުނައްވަރު ވިދާޅުވި އެވެ.

މީގެއިތުރުން ވޯލްޑް ބޭންކާއި އައިއެމްއެފް ފަދަ ތަންތަނުން ތަރައްގީވަމުން އަންނަ އިގްތިސާދުތަކުގައި ވަޒީފާގެ ފުރުސަތުތައް އިތުރުކުރުމަށާއި ހަމަހަމަ ފުރުސަތުތަކެއް ދިނުމަށާއި އިގްތިސާދު ސިންދަފާތުކުރުމަށް ވިސްނަންޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.