މޯލްޑިވްސް ޓޫރިޒަމް އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ މި އެވޯޑްގެ ތިން ވަނަ އެޑިޝަންގެ އެވޯޑްގެ ކެޓަގަރީރަކަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައު ވަނީ އަންނަ މަހުގެ 14 އާ ހަމައަށް ކަމަށެވެ.
މޯލްޑިވްސް ޓޫރިޒަމް އެވޯޑަކީ ރިސޯޓުތަކާއި ހޮޓާތަކާއި، ގެސްޓުހައުސްތަކާއި ސަފާރީތަކާއި، ޓްރެވެލް އެޖެންސީތަކަށް ހާއްސަކޮށްފައިވާ އެވޯޑެކެވެ. އެގޮތުން 5 ކެޓަގަރީއަކުން 23 އެވޯޑެއް ދޭން ނިންމާފައިވެ އެވެ. މިނިސްްރީން ބުނީ އެވޯޑަށް އެޕްލިކޭޝަން ހުށަހަޅަން ޖެހެނީ އޮންލައިންކޮށް ކަމަށާއި. އެވޯޑު ދިނުމުގައި ބަލާނީ ޖޫން 1، 2023 އިން މެއި، 31، 2024 ގެ ނިޔަލަށްކޮށްފައިވާ މަސައްކަތްތަކަށް ކަމަށެވެ.
ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރުވުމާ ގުޅިގެން 2022 ގައި ތައާރަފުކުރި މޯލްޑިވްސް ޓޫރިޒަމް އެވޯޑް މިދިޔަ އަހަރު ފަސް ދާއިރާއަކުން 59 އެވޯޑަކަށް ހުޅުވާލިއެވެ. އަދި އެކި ކެޓަގަރީތަކުން 88 ފަރާތަކުން 225 އެޕްލިކޭޝަން ލިބުނު އިރު، 31 ފަރާތަކަށް އެވޯޑު ދީފައިވެ އެވެ.