Last Updated: November 25, 10:11
Monday, November 25, 2024
މުނިފޫހިފިލުވުން

މި ފަހަރު މަދޫރީ އާއި ވިދިއާގެ ނެށުމެއް

އަންނަ މަހު ރިލީޒް ކުރަން ހަމަޖެހިފައިވާ "ބޫލް ބުލައްޔާ 3" ގައި މަދޫރީ ޑިކްސިޓާއި ވިދިިއާ ބާލަންގެ ނެށުންތަކެއް ފެނިގެންދާ ލަވަ "އަމި ޖެ ތޮމާރު" ދައްކާލައިފި އެވެ.

މި ފަހަރު މި ލަވަ ގެނެސްދެނީ "އަމި ޖޭ ތޮމާރު 3.0" ގެ ގޮތުގަ އެވެ. އެއީ ހޮރޯ-ކޮމެޑީއެއްގެ ގޮތުގައި ގެނެސްދޭ "ބޫލް ބުލައްޔާ" ގެ ތިން ވަނަ ބަޔަކީ މި ލަވަ ފިލްމުގައި ގެނެސްދޭ ތިން ވަނަ ފަހަރަށްވާތީ އެވެ. ދެހާސް ހަތެއްގެ "ބޫލް ބުލައްޔާ" ގައި ޖިންނި އަވަލާފައިވާ ކެރެކްޓާ މަންޖްލިކާއާ އެކީ "ޢަމި ޖޭ ތޮމާރު" ގެނެސްދިން އިރު، ލަވައިގައި ފެނިގެން ގޮސްފައި ވަނީ ވިދިއާ އެވެ.

ނަމަވެސް އޭނައާ ނުލައި 2022 ގައި ގެނެސްދިން "ބޫލް ބުލައްޔާ 2" ގައި ލަވަ ފިރިހެން އަޑުން ގެނެސްދިން އިރު، ލަވަ އަށް ނެށީ ކާތިކް އާރިއަނެވެ.

އަންނަ މަހުގެ 1 ގައި "ބޫލް ބުލައްޔާ 3" "ބެލުންތެރިންނަށް ދޫކޮށްލާ އިރު، "އަމި ޖޭ ތޮމާރު 3.0" އެންމެ ހާއްސަވާ އެއް ސަބަބަކީ ބޮލީވުޑްގެ އެންމެ ހުނަރުވެރި ނެށުންތެރިންގެ ތެރޭގައި ހިމެނޭ މަދޫރީގެ ފަރި ހަރަކާތްތައް ވެސް ލަވައަށް އިތުރުވެގެން ދިއުމެވެ. އަނެއްކޮޅުން އޭނައާ އެކީ ވިދިއާ ވެސް ލަވައިން ފެނިގެން ދާނީ މި ލަވަ އަށް ވަރަށް ގިނަ ބައެއްގެ ސަމާލުކަން ވެސް ވަނީ ލިބިފަ އެވެ.

"ބޫލް ބުލައްޔާ" އާއި "ބޫލް ބުލައްޔާ 3" ގައި ވެސް ހިމެނޭ މި ލަވަ ކިޔާފައި ވަނީ ޝްރެޔާ ގޯޝާލް އެވެ.

މި އަހަރުގެ އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ "ބޫލް ބުލައްޔާ 3" އަކީ މީގެ ދެވަނަ ބައި ވެސް ޑައިރެކްޓްކުރި އަނީސް ބަޒްމީގެ ޑައިރެކްޝަނެކެވެ. މި ފަހަރު ކާތިކާ އެކު ބަތަލާގެ ރޯލުން ފެންނާނީ ޓްރިޕްތީ ދިމްރީ އެވެ.