މިދިޔަ މަހު އިއުލާންކުރި އަކްޝޭ ކުމާރުގެ ހޮރޯ-ކޮމެޑީ "ބޫތު ބަނގްލާ" އަށް ޒުވާން ބަތަލާ ވަމީގާ ގައްބީ ސޮއިކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ނަމަވެސް ފިލްމުގެ ޓީމުން އަދި އެކަން ކަށަވަރުކޮށެއް ނުދެ އެވެ. ވަމީގާ އަކީ ޑިސެމްބަރު މަހު ރިލީޒްކުރަން ހަމަޖެހިފައިވާ ވަރޫން ދަވަންގެ "ބޭބީ ޖޯން" ގެ އެއް ބަތަލާ އެވެ.
"ބޫތު ބަނގްލާ" އަށް އޭނަ ސޮއިކުރި ކަމަށް މީޑިއާތަކުން ރިޕޯޓްކުރި އިރު، މި ފިލްމުގެ ބަތަލާއަކަށް ކަރީނާ ކަޕޫރް ގެންނަން އުޅޭކަމުގެ އަޑުތަކެއް ވެސް ފިލްމު އިއުލާންކުރި ތަންވަޅު އަރާފައިވެ އެވެ. އަކްޝޭ އާއި ކަރީނާ އެކީގައި ކާމިޔާބު ފިލްމުތަކެއް ކުޅެފައިވެ އެވެ. އެގޮތުން އެ ދެ ތަރިން އެންމެ ފަހުން އެކީގައި ފެނިގައި ވަނީ 2019 ގެ ރޮމޭންޓިކް ކޮމެޑީ "ގުޑް ނިއުސް" އިންނެވެ.
އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ޝޫޓިން ފަށަން ޕްލޭންކޮށްފައިވާ "ބޫތު ބަނގްލާ" އަކީ އަކްޝޭއާ އެކީ "ބޫލް ބުލައްޔާ" އާއި "ގަރަމް މަސާލާ" ފަދަ ފިލްމުތައް ގެނެސްދިން ޕްރިޔަދަރުޝަން ޑައިރެކްޓްކުރާ ފިލްމެކެވެ.