މީގެ ކުރިން ވެސް ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައިވާ އިންޑިއާގެ ބަތަލާ ސަނީ ލިއޯން އާއިލާއާ އެކީ އަނެއްކާ ވެސް ރާއްޖެ އަތުވެއްޖެ އެވެ.
އޭނަ އާއި ފިރިމީހާ ޑެނިއެލް ވެބާގެ އިތުރުން ތިން ކުދިން މިއަދު ރާއްޖެ އައުމާ ގުޅިގެން ވެލާނާ އެއާޕޯޓުން ހޫނު މަރުހަބާއެއް ވެސް ކިޔާފައިވެ އެވެ. މިއީ ސަނީ ރާއްޖެ އަައި ހަތަރު ވަނަ ފަހަރެވެ.
މި ދަތުރުގެ އެއްވެސް ފޮޓޯއެއް އަދި އޭނަގެ ސޯޝަލް މީޑިއާގައި ޕޯސްޓްކޮށްފައެއް ނުވެ އެވެ.
ކުރިން "އެޑަލްޓް ތަރިއެއް" ގެ ގޮތުގައި މަސައްކަތްކުރި ސަނީ ބޮލީވުޑަށް ނުކުތީ 2012 ގެ "ޖިސްމު 2" އިންނެވެ. އޭނަގެ ކުރިއަށް އޮތް ފިލްމަކީ ތަމަޅަ ފިލްމު "ގޯޓޭޝަން ގޭންގް" އެވެ.
ރާއްޖެ އަށް އިންޑިއާގެ ޓޫރިސްޓުން އައުން މި އަހަރުގެ ކުރީކޮޅުން ފެށިގެން ވަރަށް ބޮޑަށް މަދުވެފައި އޮތް ނަމަވެސް އެ ގައުމުން އަންނަ ޓޫރިސްޓުން މިހާރު އަންނަނީ އިތުރުވަމުންނެވެ. އަދި މި ފަހުން ވަރަށް ގިނަ ތަރިން ވެސް ރާއްޖެ ޒިޔާރަތްކުރަމުންނެވެ.
އިންޑިއާ މިހާރު އޮތީ ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ 10 ގައުމުގެ ލިސްޓްގެ 6 ވަނައިގަ އެވެ. އަދި އިންޑިއާގެ ޓޫރިސްޓުންގެ އަދަދު މިހާރު ލައްކައަކާ ގާތްކުރެ އެވެ.
ރާއްޖެ އަށް މިދިޔަ އަހަރު އެންމެ ގިނަ ޓޫރިސްޓުން އައީ އިންޑިއާއިންނެވެ. ދާދި ފަހުން އިންޑިއާގައި ވަނީ ރާއްޖެ އިޝްތިހާރު ކުރަން ރޯޑްޝޯތަކެއް ވެސް ބާއްވައިފަ އެވެ. އަދި މި މަހުގެ ކުރީކޮޅު ރައީސް ޑރ. މުހައްމަދު މުއިއްޒު އިންޑިއާ އަށް ކުރެއްވި ރަސްމީ ދަތުރުގެ ތެރޭގައި ވެސް ރާއްޖެ ރާއްޖޭގެ ޕްރޮމޯޝަނަލް ހަރަކާތްތަކެއް ބާއްވާފައިވެ އެވެ.