ރާއްޖެ ވަޑައިގަތުމަށް އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސް އަށް ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް ދައުވަތު ދެއްވައިފި އެވެ.
ރަސްގެފާނު ޗާލްސް އަށް ނައިބު ރައީސް މި ދައުވަތު ދެއްވާފައިވަނީ ކޮމަންވެލްތު ހެޑްސް އޮފް ގަވާމަންޓް މީޓިންގައި (ޗޮގަމް 2024) ބައިވެރިވެވަޑައިގަތުމަށް ސަމޯއާ މިހާރު ކުރައްވާ ދަތުރުފުޅުގެ ތެރެއިންނެވެ.
ނައިބު ރައީސް "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖެ ވަޑައިގަތުމަށް ރަސްގެފާނު ޗާލްސް އަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުން ދައުވަތު އަރުވާފައިވާ ކަމަށެވެ.
ރަސްގެފާނު ޗާލްސް އަށް މި ދައުވަތު ދެއްވާފައިވާއިރު، ޗާލްސްގެ މަންމާފުޅު އަދި އިނގިރޭސި ކުރީގެ ރާނީ އެލިޒަބަތު ވަނީ 1972 ވަނަ އަހަރު ރާއްޖެ އަށް ދަތުރުފުޅެއް ކުރައްވާފަ އެވެ.
ކޮންމެ 2 އަހަރަކުން އެއް އަހަރު އޮންނަ ޗޮގަމްގެ މި އަހަރުގެ ސަމިޓް ކުރިއަށް ދަނީ ސަމޯއާގެ ވެރިރަށް އަޕިއާގަ އެވެ. މި ދަތުރުފުޅުގައި ނައިބު ރައީސްގެ އަރިހުގައި ސަރުކާރުގެ އިސް ބޭފުޅުންގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވަ އެވެ.