ސްޕެނިޝް ލީގުގައި މިރޭ ބާސެލޯނާ އިން 4-0 އިން ރެއާލް މެޑްރިޑް ބަލިކޮށްފި އެވެ.
މި މޮޅާއެކު ލީގުގެ އެއްވަނައިގައި ބާސާ މިހާރު އޮތީ 11 މެޗުން 30 ޕޮއިންޓު ހޯދައިގެންނެވެ. ދެވަނައިގައި 11 މެޗުން 24 ޕޮއިންޓާ އެކު ރެއާލް އޮތްއިރު، ތިންވަނައިގައި 21 ޕޮއިންޓާ އެކު އޮތީ ވިޔަރެއާލް އެވެ.
ރެއާލްގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައި ނުވާއިރު، މެޗުގެ 54 ވަނަ މިނެޓްގައި ރޮބަޓް ލެވެންޑޯސްކީ ވަނީ ބާސާ އަށް ލީޑު ނަގައިދީފަ އެވެ. ލެވެންޑޯސްކީ މި ގޯލު ކާމިޔާބު ކުރީ ރެއާލްގެ އޭރިއާގެ ރޮގު ކައިރީ ހުރެ ފޮނުވާލި ހަމަލާއަކުންނެވެ. އަދި އޭގެ ދެ މިނެޓް ފަހުން ރެއާލްގެ އޭރިއާ ތެރެއަށް ހުރަސްކޮށްލި ބޯޅައެއް ގޯލުގެ ތިރީ ކަނަށް އަމާޒުކޮށްލައިގެން ލެވެންޑޯސްކީ ވަނީ ބާސާގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފަ އެވެ.
އޭގެ އިރުކޮޅެއް ފަހުން ހެޓްރިކް ފުރިހަމަ ކުރަން ލެވެންޑޯސްކީ އަށް މުޅިން ހުސް ފުރުސަތެއް ލިބުނު ނަމަވެސް، ރެއާލްގެ ގޯލު ކުރިމަތީ ހުރެ އޭނާ ފޮނުވާލި ހަމަލާ ދިޔައީ ދަނޑީގައި ޖެހިފައި ބޭރަށެވެ. ނަތީޖާގެ ފަރަގު ކުޑަކޮށްލަން ރެއާލްގެ ކިލިއަން އެމްބާޕޭ އަށް ރަނގަޅު ފުރުސަތުތަކެއް މި މެޗުގައި ލިބިފައިވާއިރު، އޭނާ ފޮނުވާލި ހަމަލާތައް ދިފާއުކުރުމުގައި ބާސާގެ ކީޕަރު ޕެންޔާގެ ހުޝިޔާރުކަން ވަނީ ފެނިގެން ގޮސްފަ އެވެ.
ބާސާ އިން މި މެޗުގައި ކާމިޔާބު ކުރި ތިންވަނަ ގޯލު މެޗުގެ 77 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ރަފީނިއާ ދިން ޕާހަކުން އުމުރުން 17 އަހަރުގެ ލަމީން ލަމާލް އެވެ. އަދި މެޗުގެ 84 ވަނަ މިނެޓްގައި ރެއާލްގެ ކީޕަރު ބޯމަތިން ބޯޅަ ގޯލަށް ވައްދާލައިގެން އެޓީމުގެ ހަތަރުވަނަ ގޯލު ކާމިޔާބުކޮށްދިނީ ރަފީނިއާ އެވެ.
މި މެޗުން ބަލިވުމުން ލީގުގައި ރެއާލުން ބަލިނުވެ ދަމަހައްޓަމުން އައި ސިލްސިލާ އަށް ވަނީ ނިމުން އައިސްފަ އެވެ. ރެއާލުން ލީގުގައި ބަލިނުވެ ވަނީ 42 މެޗު ހަމަކޮށްފަ އެވެ. ލީގުގައި ބަލިނުވެ އެންމެ ގިނަ މެޗު ހަމަކުރުމުގެ ރެކޯޑު އޮތީ ބާސާގެ އަތުގަ އެވެ. އެއީ 43 މެޗެވެ.