ދެމެހެއްޓެނިވި މަސްވެރިކަމަށް އައު އީޖާދުތައް މުހިންމު ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
ޝިޔާމް މިހެން ވިދާޅުވީ ޗައިނާގެ ޝިންޑާއޯގައި މި މަހުގެ 24 އިން 25 އަށް ކުރިއަށްދިޔަ ގްލޯބަލް އޯޝަން ޑިވެލޮޕްމަންޓް ފޯރަމުގައި ވާހަކަ ދައްކަމުންނެވެ.
ޝިޔާމް ވިދާޅުވީ ރާއްޖެއަކީ ވަށައިގެން ކަނޑު އޮންނަ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމެއް ކަމަށާއި މޫސުމީ ބަދަލުތަކުގެ ސަބަބުން ކަނޑުގެ ދިރުންތަކަށް ކުރާ އަސަރާއި، މަސްވެރިކަމުގެ ނުރަނގަޅު އާދަތަކުގެ ސަބަބުން އެ ސިނާޢަތަށް ބަރޯސާވާ އެތައް ބަޔަކަށް އެކަމުގެ ގެއްލުން ލިބެމުންދާ ކަމަށެވެ.
މަހާއި މަހުގެ އުފެއްދުންތަކަށް ދުނިޔޭގެ ބާޒާރުގައި އޮންނަ ޑިމާންޑު އިތުރުވަމުންދާއިރު، ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަން ކުރުމަށް ރާއްޖެފަދަ ޤައުމުތަކަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވަމުން އަންނަ ކަމަށް ޝިޔާމް ވިދާޅުވި އެވެ.
ގްލޯބަލް އޯޝަން ޑިވެލޮޕްމެންޓް ފޯރަމުގެ މަޤްޞަދަކީ ކަނޑުގެ ވަސީލަތްތަކުގެ ދެމެހެއްޓެނިކަން ކަށަވަރު ކުރުމަށް ޤައުމުތައް ގުޅިގެން މަސައްކަތް ކުރުން ކަމަށްވެސް ވިދާޅުވި އެވެ. މި ފޯރަމަކީ ކަނޑުގެ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމާ ގުޅޭ ގޮތުން ބައިނަލްއަޤްވާމީ ފެންވަރުގައި މަޝްވަރާކުރުމަށް ލިބުނު މުހިންމު ފުރުޞަތެއް ކަމަށްވެސް ޝިޔާމް ވިދާޅުވި އެވެ.