ޓެކްސް ބޮޑުކުރުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ހަތަރު ބިލުގެ މަސައްކަތް މާދަމާގެ ނިޔަލަށް ނިންމުމަށް އެ ބިލުތައް އިތުރަށް ދިރާސާ ކުރުމަށް ފޮނުވި ސަބް-ކޮމިޓީން ފާސްކޮށްފި އެވެ.
މުޅި މަޖިލީހުގެ ކޮމިޓީން ދިރާސާ ކުރާ ހަތަރު ބިލެއް އިތުރަށް ދިރާސާ ކުރުމަށް މަޖިލީހުގެ މާލިއްޔަތު އަދި އިގްތިސާދީ ކޮމިޓީގެ ގުޅިފައިވާ ސަބް-ކޮމިޓީއަށް ފޮނުވާފައިވަނީ މިދިޔަ ބުދަ ދުވަހު އެެވެ. މި ސަބްކޮމިޓީގެ މުގައްރިރަކަށް އައްޔަނު ކޮށްފައިވަނީ މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހިމެވެ. އަދި ނައިބު މުގައްރިރަކަށް އައްޔަނު ކޮށްފައިވަނީ ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދު އެވެ.
އިތުރަށް ދިރާސާ ކުރުމަށް ފޮނުވާފައިވަނީ ދިވެހިރާއްޖޭގެ އެއާޕޯޓަކުން ދިވެހިރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހާއި، ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހާއި، މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ އިތުރުން ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ބިލެވެ.
މިއަދު ކުރިއަށްގެންދިޔަ ސަބް-ކޮމިޓީން ވަނީ މި ހަތަރު ބިލުގެ މަސައްކަތް ސަބް-ކޮމިޓީން ހޯމަ ދުވަހުގެ ނިޔަލަށް ނިންމުމަށް ފާސްކޮށްފައެ އެވެ. މިގޮތަށް ފާސްކުރުމަށް ހުށަހެޅުއްވީ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް އެވެ. މާދަމާގެ ނިޔަލަށް މި ބިލުތަކުގެ މަސައްކަތް ނިންމުމަށް ކޮމިޓީން ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި 16 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. އަދި މިގޮތަށް ފާސްކުރުމާ ދެކޮޅަށް 3 މެންބަރުން ވޯޓު ދެއްވި އެވެ.
މީގެއިތުރުން މި ކޮމިޓީން ވަނީ މި ބިލުތަކާމެދު އާންމުންގެ ޚިޔާލު ހޯދުމަށް މާދަމާގެ މެންދުރު 02:00 އާ ހަމައަށް ހުޅުވާލުމަށްވެސް ފާސްކޮށްފަ އެވެ.
މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަކީ އަންނަ ޖޫން އިން ފެށިގެން ޓީޖީއެސްޓީ 16% އިން 17% އަށް ބޮޑު ކުރުމަށް ހުށަހަޅާފައިވާ އިސްލާހެވެ. ދިވެހިރާއްޖޭގެ އެއާޕޯޓަކުން ދިވެހިރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހަކީ އަންނަ 1 ޑިސެމްބަރުން ފެށިގެން އެއާޕޯޓުން ފުރާ މީހުންގެ އަތުން ނަގާ ފީތައް ބޮޑު ކުރުމަށް ހުށަހަޅާފައިވާ އިސްލާހެކެވެ.
ޓޫރިޒަމް ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހަކީ ގްރީން ޓެކްސް ބޮޑުކުރުމާ ބެހޭ ގޮތުން ހުށަހަޅާފައިވާ އިސްލާހެކެވެ. އަދި ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހަކީ ސިނގިރޭޓާއި، ބިޑި، ވޭޕް އަދި ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ ބޮޑު ކުރުމަށް ހުށަހަޅާފައިވާ އިސްލާހެކެވެ.