ބޮލީވުޑްގެ ޑައިރެކްޓަރު އިންދަރު ކުމާރުގެ ކޮމެޑީ ފްރެންޗައިޒް "ދަމާލް" ގެ ހަތަރު ވަނަ ބައިން ވެސް ބަތަލާ މަދޫރީ ޑިކްސިޓް ފެންނާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ޕިންކްވިލާ އިން ބުނީ 2019 "ޓޯޓަލް ޓަމާލް" އާ އެއްގޮތަށް އާ ބައިގެ ކާސްޓްގައި އަނިލް ކަޕޫރާއި އަޖޭ ދޭވްގަން ވެސް ހިމެނޭނެ ކަމަށެވެ. "ފުލް އޮން ޓޯޓަލްދަމާލް" އިން މަދޫރީ ފެންނާނެކަމުގެ ވާހަކަތަކެއް ދެކެމުންދާތީ މިކަމާ ބެހޭ ގޮތުން އޭނައާ ސުވާލުކުރުމުން ބުނީ އެކަމާ ގުޅޭ ގޮތުން ވަކި އެެއްޗެއް ބުނަން ބޭނުން ނުވާ ކަމަށެވެ.
"އެކަމަކު އަޕްޑޭޓެއް އޮތިއްޔާ ފަހުން ހިއްސާކުރާނަން." އަންނަ މަހުގެ 1 ގައި ރިލީޒްކުރާ "ބޫލް ބުލައްޔާ 3" ގެ ޕްރޮމޯޝަނަލް އިވެންޓެއްގެ ތެރޭގައި މަދޫރީ ބުންޏެވެ.
"ފުލް އޮން ޓޯޓަލްދަމާލް" މަދޫރީ އަށް ހުށަހަޅާފައިވާ އިރު، މީގެ ޑައިރެކްޓަރު އިންދަރުއާ އެކީ އޭނަ ކުރިން ވެސް ވަރަށް ކާމިޔާބު ފިލްމުތަކެއްގައި މަސައްކަތްކޮށްފައިވެ އެވެ. އެއީ "ދިލް" އާއި "ބޭޓާ" އަދި ރާޖާ" އެެވެ.
އިންދަރުގެ އެންމެ ފަހުގެ ފިލްމަކީ އަޖޭ އާއި ސިދާތު މަލްއުތުރާ އަދި ރަކުލް ޕްރީތު ސިންގްއާ އެކީ 2022 ގައި ގެނެސްދިން "ތޭންގް ގޯޑް" އެވެ. އޭނަގެ "ދަމާލް" ގެ ފްރެންޗައިޒްގެ ފުރަތަމަ ބައި 2007 ގައި ގެނެސްދިނުމަށް ފަހު، "ޑަބަލް ދަމާލް" ގެނެސްދިނީ 2011 ގަ އެވެ.
މި ފްރެންޗައިޒްގެ ތިން ފިލްމުގައި ވެސް ރިތޭޝް ދޭޝްމުކާއި އަރުޝަދު ވަރްސީ އަދި ޖާވިދް ޖެފްރީ ހިމެނެ އެވެ. އެހެންވެ ހަތަރު ވަނަ ބައިން ވެސް އެ މީހުން ފެންނާނެ ކަމަށް ބެލެވެ އެވެ.