ސަޕްލިމެންޓަރީ ބަޖެޓް ދިރާސާ ކުރާ ކޮމިޓީއަށް ފިނޭންސް މިނިސްޓަރު އަދި އެމްއެމްއޭގެ ގަވަރުނަރު ހާޒިރު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ކޮމިޓީން ނިންމައިފި އެވެ.
ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މިއަހަރުގެ ސަޕްލިމެންޓަރީ ބަޖެޓް ދިރާސާ ކުރުމުގެ މަސައްކަތް ބަޖެޓް ކޮމިޓީން މިއަދު ފަށާފައިވާއިރު އެ ކޮމިޓީން މިއަދު ވަނީ ބަޖެޓަށް ފިނޭންސް މިނިސްޓަރާއި ގަވަރުނަރު އަދި އޮޑިޓާ ޖެނެރަލްގެ ލަފާ ހޯދުމަށް ފާސްކޮށްފަ އެވެ.
ކޮމިޓީން ނިންމާފައިވަނީ މާދަމާ ބާއްވާ ކޮމިޓީގެ ބައްދަލުވުމަށް އެ ތިން ބޭފުޅުންގެ ލަފާ ބަޖެޓާ ގުޅޭގޮތުން ހޯއްދެވުމަށެވެ. އަދި ބަޖެޓް ދިރާސާ ކުރުމުގެ މަސައްކަތް މާދަމާ ނިންމާލުމަށްވެސް ކޮމިޓީން ނިންމާފައިވެ އެވެ.
މިއަދު ކުރިއަށް ގެންދިޔަ ބަޖެޓް ކޮމިޓީގެ ބައްދަލުވުމުގައި އެމްޑީޕީއަށް ނިސްބަތްވާ މެންބަރުން ވަނީ ބަޖެޓް ހަރަދު ކުރާނެ ގޮތުގެ ތަފުސީލު ހިމަނާފައި ނެތުމުން އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި މިކަމުގައި އެމްޑީޕީގެ މެންބަރުންނާއި ސަރުކާރަށް ތާއީދުކުރާ މެންބަރުންނާއި ދެމެދު ހޫނު ބަހުސެއް ކޮށްފައުވެސްވެއެވެ.
ބަޖެޓް ކޮމިޓީގެ މުގައްރިރުގެ މަގާމަށް އަލީ ފަޒާދު އައްޔަނު ކުރިއިރު ނައިބު މުގައްރިރުގެ މަގާމަށް އައްޔަނު ކޮށްފައިވަނީ އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމެވެ.
ސަޕްލިމެންޓަރީ ބަޖެޓްގެ ގޮތުގައި މަޖިލީހަށް ހުށަހަޅާފައިވަނީ 5.1 ބިލިއަން ރުފިޔާ އެވެ. މި ބަޖެޓުގެ ތެރޭގައި ހިމެނެނީ ރިކަރަންޓް ޚަރަދުގެ ގޮތުގައި 1.5 ބިލިއަން ރުފިޔާ އާއި ކެޕިޓަލް ޚަރަދުގެ ގޮތުގައި 3.5 ބިލިޔަން ރުފިޔާ އެވެ. ސަޕްލިމެންޓަރީ ބަޖެޓް ދިރާސާ ކުރާ ކޮމިޓީން އެއް ދުވަސްތެރޭ ބަޖެޓް ދިރާސާކޮށް ނިންމުމަށް މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ.