Last Updated: November 24, 23:51
Sunday, November 24, 2024
ޚަބަރު

އިންޑިއާގެ އިތުރު ބޭހަކަށް ސަމާލުވާން އިލްތިމާސްކޮށްފި

އިންޑިއާގެ ބޭސް އުފައްދާ ކުންފުންޏަކުން އުފައްދާފައިވާ ބޭހަކުން ކޮލިޓީ މައްސަލަތަކެއް ފާހަގަވެފައިވާތީ ސަމާލުވާން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އިލްތިމާސްކޮށްފި އެވެ.

އެމްއެފްޑީއޭ އިން މިއަދު ނެރުނު އެލާޓެއްގައި ބުނީ އިންޑިއާގެ ކުންފުންޏެއް ކަމަށްވާ "އައިކޯރ ބައޮލޮޖިކަލްސް ލިމިޓެޑް" އިން އުފައްދާ "ނޯމަލް އިމިއުނޮގްލޮބިއުލިން ފޯ އިންޓްރަވީނަސް ޔޫސް ބީޕީ 5 ޕަސަންޓު (އިމިއުގްލޯ)" ގެ ހަތަރު ބެޗެއްގައި ކޮލިޓީ މައްސަލަ ހުރިކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

މި މައްސަލަ ފާހަގަކޮށްފައިވަނީ ސްރީލަންކާގެ ނޭޝަނަލް މެޑިސިން ރެގިއުލޭޓަރީ އޮތޯރިޓީ އާއި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން އެމްއެފްޑީއޭ އިން ބުނެ އެވެ.

މައްސަލަ ހުރި ބެޗްތަކަކީ IG24002AD، IG24001AD، IG24004AD އަދި IG24003AD ކަމަށް އެމްއެފްޑީއޭ އިން ބުނެފައިވެ އެވެ. އަދި މި ބޭސް ރާއްޖެއަށް އެތެރެކުރުމުގެ ހުއްދަ އެއްވެސް ފަރާތަކަށް ދީފައިނުވާ ކަމަށާއި، މިހާތަނަށް މި ބޭހުގެ އެއްވެސް ބެޗެއް ރާއްޖެއަށް އެތެރެކޮށްފައި ނުވާކަން ކަށަވަރުކޮށްދީފައިވެ އެވެ.

އެހެން ނަމަވެސް އިންޑިއާއާއި ލަންކާއަކީ ދިވެހިން ބޭސް ފަރުވާއަށް ގޮސް އުޅޭ ގައުމުތަކަށް ވެފައި ބައެއް ހާލަތްތަކުގައި އަމިއްލަ ބޭނުމަށް އެ ގައުމުތަކުން ބޭސް އިމްޕޯޓް ކުރާތީ އެކަމަށް ސަމާލުވުމަށް އެމްއެފްޑީއޭއިން އެދިފައިވެ އެވެ.

މީގެ އިތުރުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ބޭސް ސިޓީއަށް ބޭސް އެތެރެ ކުރާއިރު ޚާއްސަ ސަމާލުކަމެއް ދީގެން ޕޯޓްތަކުގައި ބަލައިފާސްކުރަމުން ގެންދާނެ ކަމަށް އެ އޮތޯރިޓީން ބުންޏެވެ.