ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް މެމްބަރުން ވައްދަން ސޮއި ފޯޖު ކުރަން ނުޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ މިރޭ ވިދާޅުވެއްޖެ އެވެ.
އަބްދުލްރަހީމް މިހެން ވިދާޅުވީ ޕީއެންސީ އަށް މެމްބަރުން އިތުރުކުރުމަށްޓަކައި ދައުލަތުގެ މުއައްސަސާތަކަށް ނުފޫޒު ފޯރުވަައި، މީހުންގެ ސޮއި ފޯޖްކޮށްގެން ޕާޓީގެ ދަފުތަރަށް މެންބަރުން އިތުރުކުރަމުންދާ ކަމަށް އެމްޑީޕީން ތުހުމަތުކޮށްފައިވާ ދަނޑިވަޅެއްގަ އެވެ.
ޕީއެންސީގެ އޮފީހުގައި މިރޭ އޮތް ފޯމު ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އަބްދުލްރަހީމް ވިދާޅުވީ ސޮއި ފޯޖުކޮށްގެން ޕާޓީތަކަށް މީހުން ވައްދާނީ ތާއީދު ނެތް މީހުން ކަމަށާއި އެއީ ޕީއެންސީން ކުރާނެ ކަންތައްތަކެއް ނޫން ކަމަށެވެ.
"ޕީއެންސީއަކަށް ނުޖެހޭނެ ވަގަށް ފޯމު ފުރާކަށެއް. ފައިސާ ދީގެން ފޯމު ފުރާކަށެއް. ސޮއި ފޯޖުކޮށްގެން ފޯމު ފުރާކަށެއް،" އަބްދުލްރަހީމް ވިދާޅުވި އެވެ.
ޕީއެންސީ އަށް މެމްބަރުން ވައްދަނީ މަޖުބޫރުން ނޫން ކަމަށާއި ޕީއެންސީ އަކީ ރައްޔިތުންގެ ތާއީދާ، ރައްޔިތުންގެ ލޯތްބާއި، ރައްޔިތުންގެ އިހުތިރާމް އޮންނަ ޕާޓީއެއް ކަމަށްވެސް ވިދާޅުވި އެވެ.
ޕީއެންސީގެ މެމްބަރުންގެ އަދަދު 65،000 އަށް އަރާފައިވާ ކަމަށް އެ ޕާޓީން ހާމަކުރެ އެވެ. އަދި މި ސަރުކާރަށް އެއް އަހަރު ފުރުމާ ދިމާކޮށް 75،000 މެމްބަރުން ހަމަކޮށް ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީއަށް ޕީއެންސީ ހެދުމަކީ އަމާޒެއް ކަމަށް އެ ޕާޓީން ބުނެ އެވެ.
އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓުން ދައްކާގޮތުން ޕީއެންސީގައި މިވަގުތު ތިބީ 28،983 މެންބަރުންނެވެ.