އިންޑިއާގެ މަޝްހޫރު ޓީވީ ބަތަލާ ސުރްބީ ޖޯތީ ކައިވެނިކޮށްފި އެވެ.
ސުރްބީ އާއި ބައިވެރިޔާ އެކްޓަރު ސުމިތު ސޫރީ އިއްޔެ ހަވީރު ކައިވެނިކުރީ އުތުރާކަންދުގައި ބޭއްވި ކުލަގަދަ ހަފުލާއެއްގަ އެވެ. އެ ހަފުލާގައި ދެ ފަރާތުގެ އާއިލާގެ މެންބަރުންނާއި ރަހުމަތްތެރިން ވެސް ބައިވެރިވި އެވެ.
ސުރްބީ، 36، އާންމުންގެ ތެރޭގައި މަޝްހޫރުވީ 2012-2016 އަށް ޒީޓީވީން ގެނެސްދިން "ގުބޫލް ހޭ" ގައި ކުޅުނު ސުނެހެރީ/ސެހެރް އަހުމަދު ޚާންގެ ރޯލުންނެވެ. އޭނަ ކުޅުނު އިތުރު ސިލްސިލާތަކުގެ ތެރޭގައި "ނާގިން 3" އާއި "އިޝްގްބާޒް" ހިމެނެ އެވެ.
ސުރްބީ އެންމެ ފަހުން ފެނިފައި ވަނީ މި އަހަރުގެ ޖުލައިގައި ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ގެނެސްދިން އެކްޝަން ވެބް ސީރީޒް "ގުނާހް" އިންނެވެ. އޭނަ އަކީ ބައެއް ޕަންޖާބީ ފިލްމުތަކެއް ވެސް ކުޅެފައިވާ ބަތަލާއެކެވެ.
ސުރްބީގެ ފިރިމީހާ ސުމިތު، 37، އަކީ އެކްތާ ކަޕޫރްގެ ބާލާޖީގެ ސްޓްރީމިން ޕްލެޓްފޯމް، އޯލްޓް ބާލާޖީގެ ވެބް ސީރީޒްތައް ކަމަށްވާ "ދަ ޓެސްޓް ކެސް" އާއި "ހޯމް" އިން ފެނިފައިވާ އެކްޓަރެވެ.