މި އަހަރުގެ ޖުލައި މަހުގެ ތެރޭގައި ޝޫޓިން ފެށި ވަރޫން ދަވަންގެ ރޮމޭންޓިކް ކޮމެޑީ "ހޭ ޖަވާނީ ތޯ އިޝްގް ހޯނާ ހޭ" ގެ ދެވަނަ ބަތަލާ އަކީ ޕޫޖާ ހެގްޅޭ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ކުރިން މީޑިއާތަކުން ބުނެފައިވާ ގޮތުގައި ވަރޫންގެ ބައްޕަ، ޑޭވިޑް ދަވަން ޑައިރެކްޓްކުރާ ފިލްމުގައި ދެ ބަތަލާއިން ހިމެނޭ އިރު، އޭގެ ތެރެއިން އެކަކީ ދެކުނުގެ ބަތަލާ ސްރީލީލާ އެވެ. ނަމަވެސް "ހޭ ޖަވާނީ ތޯ އިޝްގް ހޯނާ ހޭ" ގެ ޓީމާ ހަވާލާދީ ބައެއް މީޑިއާތަކުން އިއްޔެ ބުނީ އޭނަ ފިލްމުގެ ކާސްޓްގައި ނުހިނޭ ކަމަށާއި ދެވަނަ ބަތަލާ އަކީ ޕޫޖާ ކަމަށެވެ.
އެހެންވެ "ހޭ ޖަވާނީ ތޯ އިޝްގް ހޯނާ ހޭ" ވާނީ ވަރޫންއާ އެކީ އޭނަ މަސައްކަތްކުރާ ފުރަތަމަ ޕްރޮޖެކްޓަށއެވެ. މި ފިލްމުގެ އަނެއް ބަތަލާ އަކީ ވެސް ވަރޫންއާ އެކީ އަލަށް މަސައްކަތްކުރާ މުރްނާލް ތާކޫރެވެ.
ރަމޭޝް ތައުރާނީ ޕްރޮޑިއުސްކުރާ "ހޭ ޖަވާނީ ތޯ އިޝްގް ހޯނާ ހޭ" ގެ މުހިއްމު ރޯލަކުން ކުބްރާ ސައިތު ވެސް ފެނިގެން ދާނެ އެވެ.
މި ފިލްމު ސިނަމާތަކަށް ގެންނަން ނިންމާފައި އޮތީ އަންނަ އަހަރުގެ އޮކްޓޯބަރު 2 ގަ އެވެ.
"ހޭ ޖަވާނީ ތޯ އިޝްގް ހޯނާ ހޭ" އަކީ ދަރިފުޅު ވަރޫން ހިިމަނައިގެން ޑޭވިޑް ހަދާ ހަތަރު ވަނަ ފިލްމެވެ. ދެބަފައިން އެކީގައި ކުރިން ގެނެސްދިން ފިލްމުތަކަކީ ކޫލީ ނަމްބަރު 1 (2020)، ޖުޅުވާ 2 (2017) އަދި މޭ ތޭރާ ހީރޯ (2014) އެވެ.
ވަރޫން ގެ ދެ ޕްރޮޖެކްޓެއް ބެލުންތެރިިންނާ ހަމައަށް މިހާރު އައުމުގެ މަގުމަތީގައި އެބައޮތެވެ. އެއީ އަންނަ މަހުގެ 7 ގައި އެމެޒޯން ޕްރައިމް ވީޑިއޯ އިން ޕްރީމިއާކުރަން ހަމަޖެހިފައިވާ އޭނަގެ ފުރަތަމަ ސީރީޒް "ސިޓަޑެލް: ހަނީ ބަނީ" އާއި ޑިސެންބަރު 25 ގައި ސިނަމާތަކަށް އެކްޝަން ތުރިލާ "ބޭބީ ޖޯން" އެވެ.