ފުލުހުންނާއި ކަސްޓަމްސް އިން އެކިއެކި މައްސަލަތަކުގައި ހިފަހައްޓާ ފައިސާ ބެލެހެއްޓޭނެ ހަރުދަނާ ނިޒާމެއް ގާއިމުކުރެވިފައިވާ ކަމަށާއި ބޭނުންވެއްޖެ ނަމަ އެ ފައިސާ އޮޑިޓް ވެސް ކުރެވޭނެ ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ ފުލުހުންގެ ހިދުމަތުން ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދާއި ޕްރޮސިކިއުޓް ކުރުމުގެ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ ދަށުން ފައިސާއާމެދު އަމަލުކުރާނެ ހާއްސަ އުސޫލެއް އޮންނަ ކަމަށެވެ.
އެގޮތުން ޖިނާއީ މައްސަލަތަކުގައި ފުލުހުން އަތުލައިގަންނަ ދިވެހި ފައިސާ 24 ގަޑިއިރުގެ ތެރޭގައި ފުލުހުންގެ ހެޑްކުއާޓަރަށް ގެނެވޭ ކަމަށް އިހްސާން ވިދާޅުވި އެވެ. އަދި އޭގެ ފަހުން ފުލުހުންގެ މައި މަރުކަޒުގެ ތެރެއިން ފައިސާގެ ކަންކަން ބަލަހައްޓާ އިދާރީ ބަހާގެ ބެލުމުގެ ދަށުން އެމްއެމްއޭގައި ގާއިމުކުރެވިފައިވާ ވަގުތީ އެކައުންޓަކަށް އެ ފައިސާ ޖަމާކުރެވޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ހިފަހައްތާ ބޭރު ފައިސާ ރައްކާ ކުރެވެނީ ފުލުހުންގެ އިދާރާގައި ހުންނަ އެކަމަށް ހާއްސަ ތިޖޫރިއެއްގައި ކަމަށެވެ.
"މި ފައިސާއަކީ ކޮންމެ ވަގުތަކު ވެސް ފުލުހުންގެ ބަހާތަކުގެ އިސްވެރިންނާއި ދައުލަތުގެ އިދާރާއެއްގެ އިސްވެރިއަކު ބޭނުންފުޅު ނަމަ އޮންނަ އުސޫލުގެ ތެރެއިން އޮޑިޓް ކުރެވި އެ މައުލޫމާތު ރައްކާކުރެވިގެންދާ ތަނެއް." އިހްސާން ވިދާޅުވި އެވެ.
އޭނަ ވިދާޅުވި ގޮތުގައި އެކިއެކި މައްސަލަތަކުގައި ކަސްޓަމްސް އިން ހިފަހައްޓާ ފައިސާ ކޯޓު މަރުހަލާއަށް ދެވެންދެން ރައްކާ ކުރެވެނީ ތިޖޫރިއެއްގަ އެވެ. އަދި އެއީ ވެސް ބޭނުންވެއްޖެ ހިނދެއްގައ އޮޑިިޓް ކުރެވޭނެ ފައިސާ ކަމަށް ވިދާޅުވި އެވެ. އަދި ގޮތުން ހިފެހެއްޓޭ ފައިސާއަކީ ވަކި ބޭފުޅަކު އެދިފައި ނުވި ނަމަވެސް ކަނޑައެޅިފައި އޮންނަ މުއްދަތުގައި އޮޑިޓް ކުރެވޭ ފައިސާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.