ފަރުމަހުގެ މަސްވެރިންނަށް ދޫކުރަން ނިންމި ލޯނު ސްކީމްގެ އަދަދު މިހާރު 30 މިލިއަން ރުފިޔާ އަށް އިތުރުކޮށްފައިވާ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފި އެވެ.
ކުރިން 20 މިލިއަން ރުފިޔާ ކަނޑައެޅި ސްކީމަށް 10 މިލިއަން އިތުރުކޮށް، 30 މިލިއަނަށް ހެދީ ފަރުމަހުގެ ވަރަށް ގިނަ މަސްވެރިން ލޯނަށް އެދި ހުށަހަޅާފައިވާތީ ވެސް ގިނަ ބަޔަކަށް ލޯނުގެ ފުރުސަތު ދިނުމިގެ ގޮތުން ކަމަށެވެ.
މިނިސްޓްރީން ބުނީ ފަރުމަހުގެ ލޯނަށް އެދި ހުށަހެޅުމުގެ ސުންގަނޑި މި އަހަރުގެ އެޕްރީލް 30 އަށް ހަމަވި އިރު 121 ފަރާތަކުންވަނީ ލޯނަށް ހުށަހަޅާފައިވާ ކަމަށެވެ. އެގޮތުން މިހާތަނަށް 62 ފަރާތަކަށް ލޯނު ދިނުމަށް ނިންމާ މިއަދާއަ ހަމަށް 37 ފަރާތެއްގެ ލޯނު އެޕްރޫވްކޮށްފައިވާ ކަމަށެވެ.
އަދި މިހާތަނަށް 20 ފަރާތަކަށް ލޯނުގެ ފުރަތަމަ އިންސްޓޯލްޓް ވަނީ ހަވާލު ވެސް ކޮށްފަ އެވެ.
ފަރުމަހުގެ ލޯނު ސްކީމަކީ ފިޝަރީޒް މިނިސްޓްރީ އާއި އެސްއެމްއީ ޑެވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ގުޅިގެން ކަނޑުފަޅުނަފާ ޕްރޮގްރާމްގް ތެރެއިން ހަމަޖެއްސި ސްކީމެކެވެ.
މިނިސްޓްރީން ބުނީ މި ލޯނު ސްކީމްގެ ސަބަބުން ފަރުމަހުގެ މަސްވެރިކަން އިތުރަށް ތަރައްޤީކޮށް ސްޕޯޓްސް ފިޝިންގް ފަދަ އާމްދަނީ ލިބޭ އިތުރު ދޮރުތައް އިންޑަސްޓްރީގެ ތެރެއިން ހުޅުވިގެން ދާނެ ކަމަށެވެ.