ޖަލުތަކުންކުރާ ސްކޭމް ކޯލްތައް ހުއްޓުވުމަށްޓަކައި ޖަލު އޮފިސަރުން ސްކޭންކުރަން ފުލް ބޮޑީ ސްކޭން މެޝިން ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ މަގާމާ ހަވާލުވެވަޑައިގަތް އިރު ޖަލުތަކުން ކުރާ ސްކޭމް ކޯލްތައް ވަރަށް ގިނަ ކަމަށެވެ. އެގޮތުން ޖަލުގައި ތިބޭ ގައިދީންނަށް ފޯނާއި މަސްތުވާތަކެއްޗާއި ޖަލަށް ވެއްދުން މަނާތަކެތި ވައްދައިދޭ ކަމުގެ ތުހުމަތުގައި ސަލާމަތީ ބާރުތަކުން ކުރިއަށް ގެންދިޔަ އޮޕަރޭޝަންގައި 19 އޮފިސަރެއް ފާހަގަކުރެވުނު ކަމަށް ވިދާޅުވި އެވެ.
މީގެ އިތުރުން ސިފައިންނާއި ފުލުހުން އަދި ޖަލު އޮފިސަރުން ގުޅިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަންގައި ޖަލުން ގިނަ އަދަދެއްގެ ފޯނު އަތުލައިގަނެވުނުކަން ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.
"އޭގެ ފަހުން އަޅުގަނޑުމެންނަށް ފާހަގަކުރެވުނު ޖަލުން މިކަމުގައި ބައިވެރިވާ މިންވަރު ވަރަށް ބޮޑުތަނުން ކުޑަވެފަ މި އޮތީ. ނަމަވެސް 100 ޕަސެންޓް ހައްލެއް ނުވޭ." އިހްސާން ވިދާޅުވި އެވެ.
އޭނަ ވިދާޅުވީ ޖަލުގައި ޖިއޯ ފެންސިން ހަދައި ޖަލުގައި ފޯނު ނުކުރެވޭ ގޮތް ހެދުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށާއި އެއީ ޖަލުން ފޯނުން ކުރުން ހުއްޓުވޭނެ ދާއިމީ ހައްލެއް ކަމަށެވެ. އިހުސާން ވިދާޅުވީ މަގާމާ ހަވާލުވެ ވަޑައިގެންނެވި އިރު ޖަލު އޮފިސަރުން ޖަލަށް ވަންނަނީ ސްކޭން ނުކުރެވި ކަމަށާއި ސްކޭން ކުރާނެ މެޝިން ވެސް ނެތް ކަމަށެވެ. އެކަމަކު މިހާރު ވަގުތީ ގޮތުން މެޓަލް ޑިޓެކްޓާ ހަރުކޮށްފައިވާ ކަމަށާއި ފުލް ބޮޑީ ސްކޭން ކުރެވޭނެ މެޝިން ގެނައުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވިދާޅުވި އެވެ.