ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ސަޕްލިމެންޓްރީ ބަޖެޓު ކޮމިޓީން ފާސްކޮށްފި އެވެ.
މަޖިލީހަށް ސަރުކާރުން މިއަދު ހުށަހަޅާފައިވަނީ 5.1 ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓެކެވެ. މި ބަޖެޓުގެ ތެރޭގައި ހިމެނެނީ ރިކަރަންޓް ޚަރަދުގެ ގޮތުގައި 1.5 ބިލިއަން ރުފިޔާ އާއި ކެޕިޓަލް ޚަރަދުގެ ގޮތުގައި 3.5 ބިލިޔަން ރުފިޔާ އެވެ.
ސަރުކާރުން ހުށަހެޅި ގޮތަށް ސަޕްލިމެންޓްރީ ބަޖެޓް ފާސްކޮށްފައިވަނީ ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ.
ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ މި އަހަރަށް ފާސްކުރި ބަޖެޓަކީ މިދިޔަ ސަރުކާރުން އެކުލަވާލާފައިވާ ބަޖެޓެއް ކަމަށާއި، ޚަރަދުތައް ކުޑަކޮށް ދެއްކުމަށްޓަކައި މި އަހަރުގެ ޖުލައި މަހުން ފެށިގެން ރިފޯމްތަކެއް އަންނާނެ ކަމަށް ބަލައިގެން ބަޖެޓު އެކުލަވާލި އިރު، އެ ރިފޯމްތައް އެކީގައި ތަންފީޒު ކުރެވޭ ގޮތަށް އެކުލަވާލާ ފަރުމާ ކުރުމުގެ ޒިންމާ ނިމިދިޔަ ސަރުކާރުން އަދާކޮށްފައި ނެތް ކަމަށެވެ.
އަދި ސަރުކާރުން ސަޕްލިމަންޓްރީ ބަޖެޓެއް ހުށަހެޅީ މާލިއްޔަތުގެ ގާނޫނުގައި ވާގޮތަށް ކުރިއަށް އޮތް މަސްތަކުގައި ހިނގާނެ ކަމަށް ލަފާކުރާ ޚަރަދުތައް ކުރިއާލައި ރައްޔިތުންގެ މަޖިލީހަށް އިއުލާނުކޮށް ހުއްދަ ހޯދުމަށް އެދުމުގެ ތެރެއިން ކަމަށް ވެސް ވިދާޅުވި އެވެ.
މި އަހަރުގެ ދައުލަތުގެ ބަޖެޓަކީ 49.8 ބިލިއަން ރުފިޔާ އެވެ.