މާލެ އާއި ފުށިދިއްގަރުފަޅުގައި ތަރައްގީ ކުރާ ރަސްމާލެއާ ދެމެދު ކަނޑު އަޑީގެ ޓަނަލެއް އެޅުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ އާދަޔާ ހިލާފު ތަސައްވުރެއް ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި މިއަދު ނޫސްވެރިންގެ ބައްދަލުވުމުގައި މުއްތަލިބު ވިދާޅުވީ ރަސްމާލެ ޓަނަލަކީ ރައީސް ގެންގުޅުއްވާ އާދަޔާހިލާފު ތަސައްވުރެއް ކަމަށާއި އެފަދަ ކަމެއް ތަސައްވުރު ކުރެއްވުމަކީ ލީޑަރެއްގެ ހުންނަންޖެހޭ ވަރަށް ހާއްސަ ސިފައެއް ކަމަށެވެ. މިއީ ވަގުތު ނަގާނެ ކަމެއް ކަމަށާއި އެ މަސައްކަތަކީ ޓައިމްލައިނެއް ހަދައިގެން ކުރިއަށް ގެންދެވޭނެ ކަމެއް ނޫން ކަމަށްވާއިރު، މިއީ އެއަށް ވުރެ މާ އާދަޔާ ހިލާފު ކަމެއް ކަމަށްވެސް ވިދާޅުވި އެވެ.
"އެނގިވަޑައިގަންނަވާނެ އެމެރިކާ އިން ހަނދަށް ދާން ވެސް ޖޯން އެފް ކެނެޑީ އެންވިޝަން ކުރެއްވީ އެއްވެސް ބަޔަކު ހަނދަށް ގޮސްގެނެއް ނޫން. ލީޑަރެއްގެ ހުންނަ ވަރަށް ހާއްސަ ސިފައެއް އެއީ އެންވިޝަން ކުރަން އެނގިވަޑައިގެންނެވުން އެކަން ކުރަން ކެރުން." އޭނާ ވިދާޅުވި އެވެ.
މާލެ އާއި ފުށިދިއްގަރުފަޅުގައި ތަރައްގީ ކުރާ ރަސްމާލެއާ ދެމެދު ކަނޑު އަޑީގެ ޓަނަލެއް އެޅުމަށް ނިންމާފައިވާކަން ރައީސް ހާމަކުރެއްވީ މިއަހަރުގެ ޖެނުއަރީގަ އެވެ.
ރައީސް ވިދާޅުވީ މާލެ އާއި ރަސްމާލެ ގުޅުވާލުމަށްޓަކާ ފަންނީ ވަރަށް ގިނަ މަސައްކަތްތަކެއް ފަށާފައިވާ ކަމަށާއި އެކަމުގެ މަޝްވަރާތައް ވަރަށް ގާބިލު ކުންފުނިތަކާއެކު މަޝްވަރާތައް ފަށާފައިވާ ކަމަށެވެ.
"މުޅި ދުނިޔޭގައި ވެސް ފުރަތަމަ ފަހަރަށް ގާއިމުކުރެވޭ ކަނޑު އަޑީގެ ޓަނަލް މާލެ އިން ރަސްމާލެ އަށް ގުޅުވާލުމުގެ މަސައްކަތް. އެ ޓަނަލް ވެގެންދާނީ، އެ ޓަނަލްގައި ދުއްވާ ރޭލުގައި ދާއިރުގައި ކަނޑު އަޑީގެ ރީތި މަންޒަރުތައް ވެސް ފެންނަ ޓަނަލަކަށް،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެކަމުގެ ގާބިލުކަން ހުރި ކުންފުނިތަކާއެކު ފީޒިބިލިޓީ މަޝްވަރާތައް ފަށާފައިވާ ކަމަށާއި މިއީ ޓޫރިޒަމްގެ ވެސް ބޮޑު މަޝްރޫއެއް ކަމަށެވެ. އަދި މިއީ ރާއްޖެ އަށް ފަތުރުވެރިން އެތައް ގުނައަކުން އިތުރުވާނެ މަޝްރޫއެއް ކަމަށާއި މި ސަރުކާރުން ކުރާނީ ދެކޮޅުޖެހޭ ކަންތައްތައް ކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވި އެވެ.