ފުރަންދާ ލޯބިވާ މީހަކާ އެކީ އެއާޕޯޓަށް ގޮސް ވަދާއީ ސަލާމުގެ ގޮތުގައި ބައްދައިލަން ލިބޭނީ ގިނަވެގެން ތިން މިނިޓް ކަމަށް ނިއު ޒީލޭންޑް އެއާޕޯޓަކުން ކަނޑައަޅައިފި އެވެ.
ޑުނެޑިން އިންޓަނޭޝަނަލް އެއާޕޯޓްގެ މި އުސޫލާ ގުޅިގެން ވަރަށް ގިނަ ބައެއްގެ ފާޑުކިޔުންތަކެއް ވެސް ވަނީ އަމާޒުވެ، ބައެއް މީހުން ދަނީ އެ އުސޫލަށް ޖޯކް ވެސް ޖަހަމުންނެވެ.
ނަމަވެސް އުސޫލު ދިފާއުކޮށް އެއާޕޯޓްގެ ޗީފް އެގްޒެކެޓިވް ޑެނިއަލް ޑި ބޯނޯ ވިދާޅުވީ މިއީ ފުރަންދާ މީހުންގެ ކާރު ކިއު ކުޑަކުރުމާއި ޓްރެފިކް ތޮއްޖެހުން ކުޑަކުރުމަށްޓަކައި އަމަލު ކުރަން ފެށި އުސޫލެއް ކަމަށެވެ. އޭނަ ވިދާޅުވީ ފުރަންދާ މީހާ އަށް ވަދާއީ ސަލާންކުރަން ބައްދާލަން ކާރު ޕާކިން އޭރިއާގައި މަޑުކޮށްލަން ލިބޭނީ ގިނަވެގެން ތިން މިނިޓް ކަމަށާއި މީގެ ސަބަބުން ކިއުގެ ތާށިކަން ފިލައި، ޓްރެފިކް ތޮއްޖެހުން އެއްކޮށްހެން ހައްލުވެގެން ދާނެ ކަމަށެވެ.
ތިން މިނިޓްގެ ބައްދާލުމުގެ ވާހަކަ އެއާޕޯޓަށް ދާ މީހުންގެ ސަމާލުކަމަށް ގެނައުމަށްޓަކައި ސައިން ބޯޑްތަކެއް ވެސް މިހާރު ވަނީ ބަހައްޓައިފަ އެވެ.
މި އުސޫލާ ގުޅިގެން ފާޑުކިޔުންތަމެއް އަމާޒުވި ނަމަވެސް ޑެނިއަލް ވިދާޅުވީ މިއީ އެއާޕޯޓަށް ދާ ހުރިހާ އެންމެންގެ ވެސް ފަސޭހައަކަށް އަމަލު ކުަރަން ފެށި އުސޫލެއް ކަމަށެވެ.
"ބައެއް މީހުންނަށް މިއީ ކޫސަނި ކަމަކަށް ވެސް ވެދާނެ. އެކަމަކު އަހަރެމެން ކަށަވަރުކޮށް ދޭން ބޭނުންވޭ އެއާޕޯޓް ޑިޕާޗާ އޭރިއާގެ ކަންކަން ވީހާ ވެސް އޮމާންކޮށް، ފަސޭހަކޮށް ކުރިއަށް ގެންދެވޭނެކަން." އޭނަ ވިދާޅުވި އެވެ.
ޑެނިއަލް ވިދާޅުވީ މިއީ އެއްވެސް ބައެއްގެ ޖަޒުބާތުތަކާ ކުޅެން އަމަލު ކުރަން ފެށި އުސޫލެއް ނޫން ކަމަށާއި މިއީ ކަންކަން ފަސޭހަ ކުރަން އެޅި މުހިއްމި ފިޔަވަޅެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.